Friday, October 16
ފުލުހުންގެ އިންފްރަސްޓްރަކްޗަރ ޤާއިމްކުރުމުގެ ޕްރޮޖެކްޓުން ހާސިލްކުރަން ބޭނުންވަނީ ބަދަލެއް: ވަޒީރު

ފުލުހުންގެ އިންފްރަސްޓްރަކްޗަރ ޤާއިމްކުރުމުގެ މެގަ ޕްރޮޖެކްޓުގެ ތެރެއިން ހާސިލްކުރަން ހަމައެކަނި ބޭނުންވަނީ ފުލުހުންނަށް ފެސިލިޓީތަކެއް ނޫން ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ފުލުހުންގެ އިންފްރަސްޓްރަކްޗަރ ޤާއިމްކުރުމުގެ މެގަ ޕްރޮޖެކްޓުގެ ތެރެއިން ހާސިލްކުރަން ހަމައެކަނި ބޭނުންވަނީ ފުލުހުންނަށް ފެސިލިޓީތަކެއް ނޫން ކަމަށާއި ބޭނުންވަނީ އެ ފެސިލިޓީތަކުގެ ތެރެއިން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ތަފާތުވެގެން ދިޔުން ކަމަށެވެ.

'"ފެސިލިޓީތަކެއް ޤާއިމްވިޔަސް އަޅުގަނޑުމެންނަކަށް ފުރިހަމައެއްނުވާނެ އެ ފެސިލިޓީ ބޭނުންކޮށްގެން ފުލުހުންގެ ފަރާތުން އާންމު ރައްޔިތުންނަށް ދޭ ޚިދުމަތް މިހާރު ރަނގަޅުވެއްޖެކަން އެ މުޖުތަމައެއްގައި ދިރިއުޅޭ ރައްޔިތުން ގަބޫލު ނުކުރާހާ ހިނދަކު. އެހެންކަމުން ކޮންމެ ފުލުހެއްގެ ޒިންމާއަކަށް ވާންވާނެ ރައްޔިތުންނަށް ދެވޭ ޚިދުމަތަކީ އެންމެ ފުރިހަމަ ޚިދުމަތެއްތޯ ކަށަވަރުކުރުން. އުފަލާއެކީ މިއަދު ފާހަގަކުރާނަން ބައެއް ސަރަހައްދުތަކުން ފުލުހުންގެ ޚިދުމަތް ތަފާތުވެއްޖެކަން އަދި ރަނގަޅުވެއްޖެކަމުގެ ވާހަކަ ބައެއް ދިމަދިމާތަކުން ދައްކާކަން. އަދި ހަމައެއާއެކީ ބައެއް ދިމަދިމާތަކުން ރަނގަޅު ކުރަން ހުންނަ ކަންކަމުގެ ވާހަކަވެސް ދައްކާ. މީގެ މާނައަކީ ތިބޭފުޅުން ރަނގަޅު މިސްރާބަކަށް މަސައްކަތް އެބަ ކުރެއޭ"' އަލީ އިހްސާން ވިދާޅުވިއެވެ.

މުޖުތަމަޢުގެ ތެރޭގައި ހިނގަމުންދާ ކުށްތައް ނައްތާލުމާއި އަދި އެކަންކަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން މުޖުތަމަޢު އެއްބައިވަންތަކޮށް ޤައުމެއްގެ ގޮތުގައި އޮންނަ އޮތުން ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރުމަކީ މިއަދު ފުލުހުންނަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި ވަޒީރުގެ ވާހަކައިގައި ވަނީ ސިފަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ފުލުހުންގެ އަސާސީ މަޤުސަދެއް ކަމަށްވާއިރު، ކުށުގެ ވެށްޓަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، އެގޮތަށް ޚިދުމަތް ބައްޓަންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ބަދަލުވަމުން އަންނަ ދުނިޔޭގައި މިހާރު އެންމެ އާންމު ކުށްކުށުގެ ތެރޭގައި ހިމެނޭ ސައިބަރ ކްރައިމް މަދުކޮށް، އެފަދަ ކުށްކުށް ހުއްޓުވުމަށްޓަކައި ވަޞީލަތްތައް ޤާއިމުކޮށް، ތަމްރީނު ވާންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދީ، ބިނާރުތައް ޤާއިމުކޮށް، ފުލުހުން ތަމްރީނު ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަަގަކުރައްވާ ވަޒީރު ވަނީ ވަސީލަތްތައް ލިބެންދެން މަޑުނުކޮށް، ކުރިއެރުމަށް އަމިއްލައަށް އިސްނަގައިގެން ކޮންމެ ފުލުހަކުވެސް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ ޚިދުމަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންނަށް އެކަން އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާވަނީ ދީފައެވެ. އެ ގޮތުން 20 އަހަރުން ފެށިގެންގޮސް 35 އަހަރާ ހަމައަށް ޚިދުމަތްކޮށްދީފައިވާ ފުލުހުންގެ އަގުވަޒަންކޮށްފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު، މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ފެށުނު ދުވަސް ފާހަގަކުރުމަށެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު