2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އަސާސީ ޕެންޝަންގެ ގޮތުގައި 119 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) އިން ހާމަކޮށްފިއެވެ.
ޕެންޝަން އޮފީހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 25،295 ފަރާތަކަށް އަސާސީ ޕެންޝަންގެ ގޮތުގައި 119 މިލިއަނަށްވުރެ ގިނަ ފައިސާ ވަނީ ދޫކޮށްފައެވެ.
މީގެ އިތުރުން މިދިޔަ މަހު މޯލްޑިވްސް ރިޓަޔަރމަންް ޕެންޝަން ސްކީމް (އެމްއާރުޕީއެސް) ގެ ދަށުން 2،392 ފަރާތަކަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
ޕެންޝަން އޮފީހުން ހާމަކުރި މަޢުލޫމާތަށް ބަލާއިރު، ދައުލަތަށް ދިގު މުއްދަތަށް ޚިދުމަތްކޮށްދެއްވި 2،377 ފަރާތަކަށް ޕެންޝަނާއި އިނާޔަތުގެ ގޮތުގައި މިދިޔަ މަހު 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު، ދައުލަތަށް ޚިދުމަތްކޮށްދެއްވާފައިވާ 5،035 ފަރާތަކަށް ދައުލަތުން ދޭ ރިޓަޔަރމަންޓް ފައިސާގެ ގޮތުގައި އޮގަސްޓު މަހު 27 މިލިއަނަށްވުރެ ފައިސާ ދޫކޮށްފައިވެއެވެ.
2024 ވަނަ އަހަރު ދައުލަތުން ވަނީ އަސާސީ ޕެންޝަންގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ.
އަސާސީ ޕެންޝަނަކީ ޢުމުރުން 65 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ފޯރުކޮށްދެވޭ ޕެންޝަނެކެވެ. އަސާސީ ޕެންޝަން ސްކީމުގެ އަމާޒަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ އަދި އަދާކުރިވަޒީފާ މެދުވެރިކޮށް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާވި ފައިސާއިން އެކަށޭނަ ރިޓަޔަރމަންޓް ޕެންޝަނެއް ނުލިބޭ ދިވެހިންނަށް ޢުމުރުން 65 އަހަރުވުމުން އަސާސީ ބޭނުންތަކަށް ޕެންޝަނެއް ދިނުމެވެ.
މި ލިޔުން ކިޔާލުމުން