Monday, November 2
ވަޒީރު ޠާރިޤް، އޭޝިއާ ޕެސިފިކް މިނިސްޓަރުންގެ ފޯރަމްގެ ނައިބު ރައީސްކަމަށް އިންތިޚާބުވެއްޖެ

ތިމާވެށީގެ ދާއިރާގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ހިތްވަރެއްގެ ގޮތުން، ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް، އޭޝިއާ ޕެސިފިކްގެ އެންވަޔަރަންމަންޓް އޮތޯރިޓީތަކާއި މިނިސްޓަރުންގެ ފޯރަމްގެ ހަވަނަ ސެޝަންގެ މިނިސްޓީރިއަލް ސެގްމެންޓްގެ ބިއުރޯގެ ނާއިބު ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފިއެވެ.

މި މަޤާމަށް ވަޒީރު ޠާރިޤް އިންތިޚާބުވެފައިވަނީ، މި ސަރަޙައްދުގެ ޤައުމުތަކުން ވޯޓުދީގެންނެވެ. މިއީ ތިމާވެށި ރައްކާތެރިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއިން ދުނިޔޭގެ މަސްރަޙުގައި ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ގަދަރެއް ކަމަށް ބެލެވޭ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެއެވެ.

އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އެންވަޔަރަންމަންޓް އޮތޯރިޓީތަކާއި މިނިސްޓަރުންގެ މި ފޯރަމަކީ، ސަރަޙައްދީ ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމަށް މަޝްވަރާކޮށް ގޮތްތައް ނިންމާ މުހިންމު މަންސައެކެވެ. މި ފޯރަމްގެ ބިއުރޯގެ ނާއިބު ރައީސްކަމުގެ މަޤާމު ރާއްޖެއަށް ލިބުމަކީ، މި ސަރަޙައްދުގައި ތިމާވެށީގެ ސިޔާސަތުތައް އެކުލަވާލުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމަށް ބެލެވޭ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު