Monday, November 2
ވަޒީރު ޠާރިޤް އޯޒޯން ފަށަލަ ހިމާޔަތްކުރުމާބެހޭ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފި

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހިމް، އޯޒޯން ފަށަލަ ހިމާޔަތްކުރުމާއި މޫސުމީ ބަދަލުތަކަށް ކުރެވުނު މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރާ ސައިޑް އިވެންޓެއްގައި ބައިވެރިވެވަޑައިގެންފިއެވެ.

މި އިވެންޓަކީ ހަ ވަނަ ފޯރަމް އޮފް މިނިސްޓާސް އެންޑް އެންވަޔަރަންމަންޓް އޮތޯރިޓީސް އޮފް އޭޝިއާ ޕެސިފިކްގެ ތެރެއިން، ޔޫއެންއީޕީ އޯޒޯންގެ އިންތިޒާމުގެ ދަށުން ބޭއްވުނު އިވެންޓެކެވެ.

"ދަ މޮންޓްރިއަލް ޕްރޮޓޮކޯލް އެންޑް ކިގާލީ އެމެންޑްމަންޓް – އަ ލެގަސީ އޮފް އޯޒޯން އެންޑް ކްލައިމެޓް އެކްޝަން" މި ނަމުގައި ކުރިއަށްދިޔަ މި ސައިޑް އިވެންޓްގެ މައިގަނޑު މަޤްޞަދަކީ، އޯޒޯން ފަށަލައަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރުމަށްޓަކައި މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން ކުރެވުނު ކާމިޔާބު މަސައްކަތްތަކާއި، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކިގާލީ އެމެންޑްމަންޓްގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލުމެވެ.

މިއީ ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑެތި ތިމާވެށީގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުން ގުޅިގެން ކުރާ މަސައްކަތްތަކުގެ މުހިންމުކަން ހާމަކޮށްދޭ އިވެންޓެއް ކަމުގައި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެއެވެ.

ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކަލާ ކުރިމަތިލާންޖެހޭ އެއް ޤައުމެވެ. އެހެންކަމުން، މިފަދަ ބައިނަލްއަޤުވާމީ މަސައްކަތްތަކުގައި ބައިވެރިވެ، ދުނިޔެ ހޫނުވުން ހުއްޓުވުމަށްޓަކައި މަސައްކަތްކުރުމަކީ ދިވެހި ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުގެ މުހިންމު ބައެއް ކަމަށާއި، ވަޒީރު ޠާރިޤް އިބްރާހިމް މި އިވެންޓްގައި ބައިވެރިވެވަޑައިގެންނެވުމަކީ، ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން ދެމުންދާ އަހައްމިއްޔަތު އަލުން ހާމަކޮށްދޭ ކަމެއް ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު