Saturday, October 31
ޢަބްދުއްރަޙްމާން މަރާލުމުގެ ތުހުމަތުކުރެވޭ އާޝިދު އިތުރު 30 ދުވަހަށް ބަންދުކޮށްފި

އއ. މާޅޮސްގައި ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން ނިޔާވި އއ. މާޅޮސް، އޯކިޑުމާގެ، ޢަބްދުއްރަޙްމާން އާދަމް (65 އ) މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު އިތުރު 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އއ. މާޅޮސް/ލިލީފެހި، މުޙައްމަދު ވިޝާމް (22 އ) އާއި، އއ. މާޅޮސް/ފިނިވާގެ، އަޙްމަދު ފާރިސް (27 އ) އަދި އއ. މާޅޮސް/ފިޔަ، އަޙްމަދު އާޝިދު އެވެ. މި މީހުންގެ ތެރެއިން ވިޝާމާއި ފާރިސް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަދި އާޝިދު ފަސް ދުވަހަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވަނީ މިދިޔަ ހުކުރު ދުވަހު ހާމަކޮށްފައެވެ.

ނަމަވެސް ފުލުހުން މިއަދު ހާމަކުރި ގޮތުގައި އާޝިދު އިތުރު 30 ދުވަހަާސް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޢަބްދުއްރަޙްމާން ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޭނާގެ ވަގުތީ އޮޓޮޕްސީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

ޢަބްދުއްރަޙްމާން ނިޔާވެފައިވަނީ މާޅޮސް ގެއެއްގައި ނިދާފައި އޮއްވާ ބަޔަކު އައިސް ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން، ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އިތުރު ތަހުލީލުތައް ހެދުމަށާއި ޕޯސްޓް މޯޓަމް ހެދުމުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ޖުލައި 13 ވަނަ ދުވަހުއެވެ. ޢަބްދުއްރަޙްމާންގެ ހަށިގަނޑު އިންޑިއާގެ ތިރުވަނަންތަޕޫރަމަށް ފޮނުވީ ޖުލައި 21 ވަނަ ދުވަހުއެވެ.

އަދި ޕޯސްޓްމޯޓަމް ހެދުމަށްފަހު ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ޖުލައި 23 ވަނަ ދުވަހު އެވެ. އޭނާގެ ޖަނާޒާ ބާއްވާފައިވަނީ ޖުލައި 24 ވަނަ ދުވަހުގެ މެންދުރު ނަމާދުގެ ފަހުގައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު