މީޑިއާ ބިލު ތަޞްދީޤު ނުކުރެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
މިގޮތުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ލިޔުންތެރިއެއްގެ ހައިސިއްޔަތުން އަދި ކުރީގެ ޕްރިޒަނަރ އޮފް ކޮންޝަންސްގެ ހައިސިއްޔަތުން، މީޑިއާ ބިލު ތަޞްދީޤު ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އާދޭހާއެކު ދަންނަވާ ކަމަށެވެ.
As a writer and former prisoner of conscience my plea to President Dr. Muiz is not to ratify the Media Bill. Whenever a government suppresses people’s right to freedom of expression it inevitably makes the country less free and less prosperous. I also call on the journalists…
— Mohamed Nasheed (@MohamedNasheed) August 28, 2025
ނަޝީދު ވިދާޅުވީ ސަރުކާރަކުން ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ހަނިކުރާ ކޮންމެ ފަހަރަކު، އެކަމުގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި ތަނަވަސްކަން ކުޑަވެގެންދާ ކަމަށެވެ.
"އިއްޔެ ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލަން ގޮވާލަން"، ނަޝީދު ވިދާޅުވެފައިވެއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހުން ވަނީ އިއްޔެ ބަލައިގެންފައެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މި ބިލު ބަލައިގަތުމާމެދު ނެގި ވޯޓުގައި ބިލު ބަލައިގަންނަން ފެންނަ ކަމަށް 49 މެންބަރުން ވޯޓުދެއްވިއިރު، 12 މެންބަރުން ވަނީ ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ.
މި ބިލު ހުށަހެޅުމުގެ މަޤުޞަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި ނޫސްވެރިންނަށް ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑިއާތަކާއި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި، ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތަޢާރަފްކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމެވެ.
މި ބިލުގައިވާ ގޮތުން ބިލަށް ޢަމަލުކުރަން ފެށުމާއެކު މިހާރު އޮތް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލުމަށްފަހު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފެދިގެންދާނެއެވެ. މި ކޮމިޝަންގައި ހަތް މެންބަރުން ތިއްބަވާނެ ކަމަށާއި، އޭގެ ތެރެއިން ތިން މެންބަރުންނާއި ކޮމިޝަންގެ ރައީސް ޢައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ބާކީ ތިން މެންބަރުން އިންތިޚާބުކުރާނީ ރަޖިސްޓްރީ ކުރިތާ ފަސް އަހަރުވެފައިވާ މީޑިއާތަކުން ވޯޓު ދީގެން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
މި ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދުތަކުން ޖޫރިމަނާކޮށް ރަޖިސްޓްރީ ބާޠިލް ކުރެވޭނެ ކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން މީޑިއާއެއްގެ މައްސަލަ ބަލަމުން ދަނިކޮށް ވަގުތީ ގޮތުން ހިފެހެއްޓުމާއި، ކޯޓަށް ގޮސްގެން އެ މީޑިއާއެއްގެ ރަޖިސްޓްރީ ބާޠިލްކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވާއިރު، ނޫސް ވެބްސައިޓުތައް ބްލޮކްކުރުމުގެ އިތުރުން ޓީވީގެ ބްރޯޑްކާސްޓް ހުއްޓުވަން އެންގުމުގެ ބާރުވެސް މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ.
މި ބިލު މަޖިލީހަށް ބަލައިގެންފައިވަނީ މި ބިލާމެދު ހިތްހަމަނުޖެހުން ފާޅުކޮށް، ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ ނޫސްވެރިން މިއަދު އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.
މި ލިޔުން ކިޔާލުމުން