Friday, November 13
ބޭރުމަގު ހެދުމުގެ މަޝްރޫޢުގެ ސަބަބުން އިއްޒުއްދީން ފާލަމަށް އެއްވެސް ބަދަލެއް ނާންނާނެ: ޑރ. މުއްޠަލިބް

މާލޭ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ސަބަބުން އިއްޒުއްދީން ފާލަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫޢުގެ ސަބަބުން އިއްޒުއްދީން ފާލަން ރީޑިޒައިންކޮށް، ރީލޮކޭޓްކޮށް އަލުން އިމާރާތްކުރާނެ ކަމަށް ބުނެ މީސްމީޑިއާގައި މީހަކު ކުރި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

މިގޮތުން ވަޒީރު ވިދާޅުވީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި، މިހާރު ޝާއިޢުކޮށްފައިވާ ޑިޒައިންތަކަށް ބަލައިލުމުން އިއްޒުއްދީން ފާލަމަށް އެއްވެސް ބަދަލެއް ނާންނާނެކަމާއި، މަގު ފުޅާކުރުމުގެ ސަބަބުން ފާލަމުގެ ސްޓްރަކްޗަރ އަށް އެއްވެސް އަސަރެއް ނުކުރާނެކަން ފެންނާނެ ކަމަށެވެ.

މާލޭ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމްކުރުމާއި، ފެން ހިންދާ ނިޒާމެއްވެސް ޤާއިމްކުރަން ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، ޑްރެއިނޭޖް ސަރވިސް ލައިން އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރާނެއެވެ.

މިއީ 144.50 މިލިއަން ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު