ކުރިނބީ ބަނދަރުގެ މަސައްކަތް ކުރިއަަށްދާއިރު އޮޑިއެހެލާ ސަރަހައްދެއް ހެދިގެންދާނެކަމުގެ ޔަޤީންކަން ރައިސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.އެމަނިކުފާނު މި ޔަޤީންކަން ދެއްވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ކުރިނބީ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާއި އެއްގޮތަށް ކުރިނބީގެ ބަނދަރުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާނީ ރައްޔިތުން އެދޭގޮތަށް ކަމަށެވެ. ރައްޔިތުން އެދޭ ބަދަލުގެ އިތުރުންވެސް ބަނދަރުގެ މަސައްކަތް ނިމިގެންދާއިރު، ދެވަނަ ފިޔަވައްސެއްގެ ގޮތުގައި މޫދަށް އެރޭ ސަރަހައްދަކާއި، އޮޑި އެހެލާނެ ސަރަހައްދެއްގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މިއަދު ސޮއިކުރެއްވި ކުރިނބީ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލު އިމާރާތުގެ މަޝްރޫޢަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، އެ މަސައްކަތް ނިމޭއިރު އިތުރު ހަތަރު ކްލާސްރޫމް ހިމެނޭގޮތަށް މަސައްކަތް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ކުޅިވަރުގެ ދާއިރާއިން ކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފުޓްބޯޅަ ދަނޑަކާއި، ފުޓްސަލް ދަނޑެއްގެ އިތުރުން، ހޭންޑްބޯލް ކޯޓެއްވެސް ކުރިނބީގައި އަޅުއްވާނެކަމަށެވެ. އެގޮތުން، ފުޓްސަލް ދަނޑު މިއަހަރު ނިންމަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ރައްޔިތުންނަށް ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރިނބީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކުރިން މިއަދު އެރަށުގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތްފަށްޓަވައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިނބީގެ ތަރައްޤީއަށް އެކި ދާއިރާތަކުން ކުރައްވަންހުރި ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައި، އެކަންކަމުގެ ތަފްޞީލް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން