އާދިއްތަ, November 15
ރައީސް ވައިކަރަދޫ ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ވައިކަރަދޫގައި ހައުސިންގ ޔުނިޓް އެޅުމާއި ރަށުގެ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި ކަރަންޓު ވިއުގަ އައުކުރުމާއި ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ބޭނުންވާކަން ހިމެނެއެވެ.

މީގެ އިތުރުން ރަށު ސްކޫލަށް ބޭނުންވާ 12 ކްލާސްރޫމް އަވަސް ފުރުޞަތެއްގައި ނިންމަވައިދެއްވުމަށާއި ކުނި ނައްތާލުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާއި ރަށްވެހި އިމާރާތް މަރާމާތުކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައިވެއެވެ. ވައިކަރަދޫއިން އަލަށް ގޯތި ދޫކުރި ސަރަހައްދާއި ޓޫރިޒަމް ޒޯނަށް ފެނާއި ނަރުދަމާ އަދި ކަރަންޓު، ވީހާ އަވަހަކަށް ފޯރުކޮށްދިނުމަށާއި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް އެރަށުގައި ޤާއިމުކޮށްދިނުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު