Saturday, October 31
ނައިވާދޫ ކައުންސިލް އިމާރާތުގެ ބިންގާ އަޅައިފި

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ސަރުކާރުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް މަޝްރޫޢުގެ ދަށުން ހދ. ނައިވާދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލްގެ އިދާރާގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފަށްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

މިއަދު އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރު.ސީ.ސީ) ސޮއިކުރީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން އެއް އަހަރުގެ ތެރޭގައި 55 ކައުންސިލް ނިންމާނެ ކަމަށާއި، މި މަޝްރޫޢުގައި ކައުންސިލަށް ބޭނުންވާ ފަރުނީޗަރާއި ވަށާފާރު ހިމެނޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް މީގެ ކުރިން ހަވާލުކުރީ މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާއެވެ. ނަމަވެސް، ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުން، 38 މިލިއަން ޑޮލަރަށް ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ވަނީ ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ އެހެން ބަޔަކު ހޯދަން ނިންމީއެވެ.

މި މަޝްރޫޢާއެކު އިތުރު 50 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމަށްވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މި 50 ކައުންސިލް އިމާރާތުގެ ފީސިބިލިޓީ ހެދުމަށް ވާންޖެހޭ ތައްޔާރީތައް މި މަހުގެ ތެރޭގައި ވަނީ ފަށައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު