ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ކޮންމެ އަހަރަކު ނެރެމުންދާ "ޤައުމީ ލަވަ އަލްބަމް" މިއަދު ނެރެފިއެވެ.
ހަތް ލަވަ ހިމެނޭ މި އަހަރުގެ ޤައުމީ ލަވަ އަލްބަމް ޚާއްޞަކޮށްފައިވަނީ "ޤައުމުގެ ދިފާޢުގައި" މި ތީމަށެވެ. މި ލަވަ އަލްބަމްގައި ހިމެނޭ ލަވަތައް ހުށަހަޅައިދީފައިވަނީ ރާއްޖޭގެ ކުޅަދާނަ ލަވަކިޔުންތެރިންނެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި މި ފަހަރުގެ ލަވަ އަލްބަމަށް ޅެން ހައްދަވައިދެއްވި ބޭފުޅުންގެ ތެރޭގައި އާދަމް ނަޞީރު އިބްރާހީމާއި، ކާނަލް ޙުސައިން ޢަލީ އާއި، ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރު އާއި، ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދާއި، އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަމްބެ) ގެ އިތުރުން ރަޝީދާ އިބްރާހީމް އަދި ޕްރައިވެޓް މުޙައްމަދު މާޙިދު ހިމެނެއެވެ.
މި އަލްބަމްގެ ރާގު ހައްދަވާފައިވާ ފަރާތްތަކުގެ ތެރޭގައި ކާނަލް ޢަލީ މަނިކު، ވޮރަންޓް އޮފިސަރ 2 ޢަބްދުﷲ އިލްހާމް އިބްރާހީމް، ވޮރަންޓް އޮފިސަރ 1 ފަޠުހުﷲ ޝަކީލް ޙުސައިން، ކޯޕްރަލް ޙަސަން ޝާމިލް މުޙައްމަދު ދީދީ، ޕްރައިވެޓް މުޙައްމަދު މާޙިދު، އަދި އަލްފާޟިލް ޙުސައިން ޝިފާން ހިމެނެއެވެ.
މީގެ އިތުރުން އަލްބަމްގައި ހިމެނޭ ލަވަތަކުގެ މިޔުޒިކް ތައްޔާރުކޮށްފައި ވަނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ކަމަށާއި، އަލްބަމްގެ ވީޑިއޯ ތައްޔާރުކޮށް އެޑިޓްކޮށްފައިވަނީ، ވޮރަންޓް އޮފިސަރ 3 އިބްރާހީމް އަޙްމަދު އަދި އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްއިން ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
މި އަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތާ ގުޅުވައިގެން ނެރުނު އަލްބަމްގެ ވީޑިއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުންނާއި އެމްއެންޑީއެފް އޮފިޝަލް ޔޫޓިއުބް ޗެނަލުން ފެންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ދަނީ 2002 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަހުގެ މުނާޞަބަތުގައި ކޮންމެ އަހަރަކު ވެސް ޤައުމީ ލަވަ އަލްބަމެއް ނެރެމުންނެވެ. އެމްއެންޑީއެފުން ނެރޭ ޤައުމީ ލަވަތަކަކީ، އާންމުންގެ ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބެމުންދާ ލަވަތަކެކެވެ.
މި ލިޔުން ކިޔާލުމުން