ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާ (މުޢާހަދާ) ގެ ދަށުން، 2018 ވަނަ އަހަރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ އިނީޝަލް ރިޕޯޓު އ.ދ. ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސްއިން ރިވިއުކުރުމަށްޓަކައި 20 އޮގަސްޓު 2025 ގައި ބޭއްވި ރިވިއު ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 5 އެޕްރީލް 2010 ގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މި މުޢާހަދާގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ އިނީޝަލް ރިޕޯޓުގައި، އެ މުޢާހަދާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކަށަވަރުކޮށްދޭ ޙައްޤުތައް އެގޮތަށް ލިބިދިނުމަށްޓަކައި، 2010 އިން 2018 ގެ ނިޔަލަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހިމަނާފައިވާ ކަމަށާއި، އެ ރިޕޯޓާ ގުޅިގެން ކޮމިޓީން 2022 ގައި ފޮނުއްވި ސުވާލުތަކަށް ރާއްޖެއިން ވަނީ އެޕްރީލް 2023 ގައި ޖަވާބު ހުށަހަޅާފައި ކަމަށެވެ.
ދެ ސެޝަނަކަށް ބަހާލައިގެން ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ ރިވިއުގައި، މުޢާހަދާ ތަންފީޛުކުރުމަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ދިވެހިރާއްޖޭގެ ވަފުދުން ވަނީ ޖަވާބުދާރީވެފައެވެ.
މިގޮތުން ރިވިއު ފެއްޓެވުމުގެ ގޮތުން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ދެއްކެވި ވާހަކަފުޅުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަކީ އިންސާނީ ކަރާމާތާ ގުޅިލާމެހިފައިވާ ޙައްޤުތަކެއް ކަމަށާއި، އެއީ ހަމަހަމަ ފުރުޞަތުތަކާއި، ފުރިހަމަ ބައިވެރިވުމާއި، ފުރިހަމަ ޤާބިލުކަމަށް ހުރަސްއަޅާ ކޮންމެ ހުރަހެއް ނައްތާލުމަށް ބާރުއަޅާ ޙައްޤުތަކެއްކަމަށް ވިދާޅުވެފައިވާ ކަމަށް އޭޖީ އޮފީހުން ހާމަކުރެއެވެ.
އަދި ދިވެހިރާއްޖެއިން ސިޔާސަތުތައް އެކުލަވާލުމުގައި މިހާރު ގެންގުޅޭ އުސޫލަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތައް ވަކިވަކިން އެކަހެރިކޮށް ޙައްލުކުރުމުގެ ބަދަލުގައި، ހުރިހާ ދާއިރާއަކުން ޤައުމީ ފެންވަރުގައި އެކުލަވާލައި މައިގަނޑު ސްޓްރެޓެޖީތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް ވަށާޖެހޭ ޙައްލުތަކެއް ހިމެނުންކަމަށް ވެސް އޭޖީ ވަނީ ވިދާޅުވެފައެވެ.
އޭޖީ އޮފީހުން ބުނީ މި ރިވިއުގައި ދިވެހިރާއްޖެ ތަމްޞީލުކުރެއްވި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، އެޓަރނީ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކަމާބެހޭ ބޭފުޅުން ކަމަށާއި، ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ކަމަށެވެ.
މި ރިވިއު ސެޝަނަށްފަހު، ރާއްޖެއިން ހުށަހެޅި ރިޕޯޓާއި، ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން ކޮމިޓީއާ ޙިއްސާކުރި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ކޮންކްލޫޑިންގ އޮބްސަރވޭޝަންތަކާއި ރިކޮމެންޑޭޝަންތައް އެޑޮޕްޓް ކުރެއްވުމަށް ހަމަޖެހިފައިވަނީ 25 އޮގަސްޓު 2025 ގައެވެ.
މި ލިޔުން ކިޔާލުމުން