އިންޖީނުގޭގެ މަސައްކަތެއް ކުރާތީ މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް، މާދަމާ ހެނދުނު 6:00 އިން 10:00 އަށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނު ނިއްވާލުމަށް ވަނީ ނިންމައިފައި ކަމަށެވެ.
އަދި މި މަސައްކަތް ކުރިއަށްދާ ވަގުތު، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން، ކޮންމެ ސަރަޙައްދަކުން ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށާ މިގޮތަށް ލޯޑް ޝެޑް ނުވަތަ ކަރަންޓު ކެނޑުމުގެ ކުރިން އެސް.އެމް.އެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަޙައްދުތައް ދުރާލާ އަންގަމުންދާނެ ކަމަށެވެ.
އެހެންނަމަވެސް، ޚިދުމަތް މެދުކެނޑޭ ސަރަޙައްދުތަކުގައި ހިމެނޭ ހޮސްޕިޓަލްތަކާއި، އަދި އެހެނިހެން މުހިންމު ޚިދުމަތްތައްދޭ މުއައްސަސާތައް (ކްރިޓިކަލް އިންފްރާސްޓްރަކްޗަރ) އަށް ކަރަންޓުގެ މެދުކެނޑުމެއް ނާންނާނެ އެވެ.
ސްޓެލްކޯގެ އަމާޒަކީ މި މަސައްކަތް ތާވަލުކުރެވިފައިވާ ގަޑިގެ ކުރިން ނިންމައި، ވީއެންމެ އަވަހަކަށް އާންމު ހާލަތަކަށް ކަރަންޓުގެ ޚިދުމަތް ގެނައުން ކަމަށާ މިއީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، މައްސަލަތައް ހުއްޓުވުމުގެ ގޮތުން ނުވަތަ ޕްރިވެންޓިވް މެޝަރއެއްގެ ގޮތުގައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ލިޔުން ކިޔާލުމުން