އާދިއްތަ, November 15
ޚިދުމަތް ރަނގަޅުކުރުމަށް އިމިގްރޭޝަނުން ކެމްޕޭންތަކެއް ފަށައިފި

އިމިގްރޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމަށްޓަކައި ތިން އައު ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕޭންތަކަކީ ހިނިތުންވުމާއެކު ޚިދުމަތްދިނުން، ނަޒާހަތްތެރިކަން އިސްކުރުން އަދި އިންސާނިއްޔަތުކަން ދެމެހެއްޓުމެވެ. މި ކެމްޕޭންތައް އިފްތިތާޙްކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީޕީ (ރިޓަޔަރޑް) އަޙްމަދު ފަސީޙެވެ.

މީގެ ތެރެއިން "ހިނިތުންވުމާއެކު ޚިދުމަތްދިނުން" ކެމްޕޭންގައި ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށާއި، އޮފިސަރުން އޯގާތެރިކަމާއި ހިތްހެޔޮކަމާއެކު ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް އަލިއަޅުވާލާނެއެވެ.

މީގެ އިތުރުން "ނަޒާހަތްތެރިކަން އިސްކުރަމާ" ކެމްޕޭނުގެ މަޤުޞަދަކީ ތެދުވެރިކަމާއި ހާމަކަން ބޮޑުކަމާއި، ޖަވާބުދާރީވުން އިތުރުކުރުމުގެ އިތުރުން އެންމެ މަތީ ދަރަޖައިގެ އަޚްލާޤީ މިންގަނޑުތައް ދެމެހެއްޓުމުގެ ޒިންމާ އޮފިސަރުންނަށް ހަނދާންކޮށްދިނުމެވެ.

އަދި "އިންސާނިއްޔަތުކަން ދެމެހެއްޓުން" ކެމްޕޭންގައި އަލިއަޅުވާލާނީ ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކާމެދު އިޙްތިރާމާއި ހަމަހަމަކަމާއި ގަދަރުވެރިކަމާއެކު މުޢާމަލާތްކުރުމުގެ މުހިންމު ކަމަށެވެ.

މި ކެމްޕޭންތައް ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ކޮންޓްރޯލަރ ވިދާޅުވީ އިމިގްރޭޝަން އޮފިސަރުންނަކީ ޤައުމުގެ މޫނުމަތި ކަމަށާއި، އެއީ އެ އޮފިސަރުންނަކީ ފަތުރުވެރިން އައުމުން އެންމެ ފުރަތަމަ މަރުޙަބާ ކިޔާ އަދި ފުރާއިރު އެންމެ ފަހުން ދިމާވާނެ ފަރާތްތައް ކަމަށްވާތީ ކަމަށެވެ.

"އަޅުގަނޑުމެން ދޭ ފެންވަރު ރަނގަޅު ޅިދުމަތަކީ މުއައްސަސާގެ އަދި ޤައުމުގެ އަގުވެސް ހިފަހައްޓައިދޭނެ ކަމެއް. މި ކެމްޕޭންތަކުން އަޅުގަނޑުމެންނަށް ހަނދާންކޮށްދޭނީ ނަޒާހަތްތެރިކަމާއި، އިޙްތިރާމާއެކު، އަބަދުވެސް ހިނިތުންވުމާއެކު ޚިދުމަތް ދިނުމުގެ މުހިންމުކަން. އަޅުގަނޑުމެން އަބަދުވެސް ގަދައަޅައި މަސައްކަތް ކުރަންވީ އިތުބާރު ހިފޭ، ރައްޔިތުންގެ ލޯތްބާއި ގަދަރު އަބަދުވެސް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ދެމިތިބުމަށް"، ކޮންޓްރޯލަރ ވިދާޅުވިއެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ކެމްޕޭންތައް މާލެއާއި އަތޮޅުތަކުގައި ހުރި އެކި އޮފީސްތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ހުރިހާ އިމިގްރޭޝަން އޮފިސަރުން މީގައި ޢަމަލީ ގޮތުން ބައިވެރިވާނެއެވެ. އަދި ކަސްޓަމަރ ސަރވިސް އާއި، ނަޒާހަތްތެރިކަމާއި، އިންސާނީ ޙައްޤުތަކުގެ މުހިންމުކަމާ ގުޅޭގޮތުން ތަޖުރިބާކާރުން ދެއްވާ ސެޝަންތަކެއްވެސް މި ކެމްޕޭންގެ ދަށުން ކުރިއަށްދާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު