ތޮއްޑޫގައި މިހާރު މަސައްކަތް ކުރިއަށްދާ ތިރީސް އެނދުގެ ޞިއްހީ މަރުކަޒު، ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ތޮއްޑޫގައި ކުރިއަށްދާ ތިރީސް އެންދުގެ ޞިއްހީ މަރުކަޒުގެ މަޝްރޫޢު ހޮސްޕިޓަލަށް ބަދަލުކުރުމަށް ބޭނުންވާ އޮޕަރޭޝަން ތިއޭޓަރާއި އައި.ސީ.ޔޫ ހިމެނުމުގެ ފުރުޞަތު އެބައޮތް ކަމަށް ޞިއްހީ ވުޒާރާގެ ކަމުގެ ފަންނީ ބޭފުޅުން ޔަޤީންކަން ދެއްވާފައިވާ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ތޮއްޑޫ ސްކޫލްގެ ޢުމްރާނީ ވަސީލަތް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމާއި ތޮއްޑޫ ދެކުނުފަރާތުގައި ފާލަން ތަރައްޤީކުރުމުގެ އެއްބަސްވުމުގެ އިތުރުން ތޮއްޑޫ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢުތަކުގެ މަސައްކަތް ވަރަށް އިސްކަންދެއްވައިގެން ހަލުވިކަމާއި އެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ގައު އަތުރައިގެން ރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ހުރިހާކަމަކަށް ތައްޔާރުވެފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިންމަވައި ދެއްވާނެކަމަށެވެ. އަދި ފުޓުބޯޅަ ދަނޑު ގައި ލައިޓްޖެހުމުގެ މަސައްކަތާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މި އަހަރަށް ތާވަލުކުރެވިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން