ޕޭރެންޓިންގ ޕްރޮގްރާމުން ލިބޭ މަޢުލޫމާތު މަސައްކަތު މާހައުލުގައި ބޭނުންކުރަން ފެށުމުން، މުޖުތަމަޢުގައާއި ޢާއިލާތަކުގައި ހުންނަ ކަންބޮޑުވުންތައް ނައްތާލައި، ހަމަޖެހޭ ޢާއިލާތައް ބިނާކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އިޖުތިމާޢި އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ހުށައެޅޭ ކޭސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ހުނަރާއި ފަންނީ ޤާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ފަސް ދުވަހުގެ ޕޭރެންޓިން ޕްރޮގްރާމް ފެސިލިޓޭޓަރ ތަމްރީން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން، ވުޒާރާއަށް ހުށަހެޅޭ ޢާއިލީ މައްސަލަތަކުގައި ދިމާވާ ޢާއިލާތަކަކީ ނާޒުކު ހާލަތްކުގައިވާ ފަރާތްތައްކަމަށާއި، އެފަދަ ޢާއިލާތަކުގައި ބެލެނިވެރިންނާއި ކުދިންގެ މެދުގައި ރަނގަޅު ގުޅުމެއް ޤާއިމްކުރުމަށް ބޭނުންވާނޭ ހުނަރުތައް ދަސްކޮށްދޭންޖެހޭނީ، އޯގާތެރިކަމާއި، މަޑުމައިތިރިކަމާއެކު ކިޔާދީގެން ކަމުގައި ވަޒީރު ވިދާޅުވިއެވެ. ހަމައެހެންމެ، ދަރިންނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ލައްވާފައިވާ އެންމެ ބޮޑު އެއް އަމާނާތްކަމަށާއި، މައިންބަފައިންގެ ފަރާތުން ދަރިންނަށް ދަސްވާ ކަންތައްތަކަކީ އެކުދިންގެ މުޅި ދިރިއުޅުން ބައްޓަން ކުރާނެ ކަންތައްތައް ކަމުގައި ވެސް ވަޒީރު ވަނީ ވާހަކަފުޅުގައި ފާހަގަކުރައްވާފައެވެ.
ތުއްތުއިރު ކުއްޖާ ބަލަހައްޓާ ފަރާތްތަކާއެކު އުފެދޭ ގުޅުމުގެ ތެރެއިން އެ ކުއްޖެއްގެ މުސްތަޤުބަލުގައި އެހެން މީހުންނާއި ގުޅުންތެރިކަން ބާއްވާނެ ގޮތް ދަސްވެގެންދާނެކަމަށާއި، ވަކި ހުދޫދުތަކެއްގެ ތެރޭގައި ކުދިން ގެންގުޅެވޭ ކަމަށް ވާނަމަ އެކުއްޖަކަށް ދަސްވާނީވެސް އެގޮތަށް ދިރިއުޅުން ބައްޓަން ކުރަން ކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި އެކުދިން ބޮޑެތިވެ ޢާއިލާއެއް ފަށާ ހިސާބުން ނުވަތަ މަސައްކަތު މާޙައުލަށް ނިކުންނަ އިރު މި ރަނގަޅު އާދަތައް ވެގެންދާނީ އެކުދިންގެ ފަރާތުން މުޖުތަމަޢަށް ކުރާނެ ހެޔޮ އަސަރެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ފުށުން އެކުދިން ދަސްކުރަނީ އެކުދިންގެ ފަރާތުން އަޅުގަނޑުމެން ބޭނުންވާ ހުރިހާ ސިފަތައް، އެއީ ރިވެތިކަން ވިއަސް، އަމާނާތްތެރިކަން ވިއަސް، އެހެން މީހުންނަށް ހެޔޮކޮށް ހިތުން ކަމުގައި ވިއަސް، އަދި ދިރިއުޅުމުގެ ކަންކަމުގައި ކުއްޖަކަށް އުޅެންވާ ގޮތް ދަސްވަނީ ވެސް މައިންބަފައިންގެ ފުށުން"، ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން