ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާތަށް ކުށްވެރިކޮށް، ރާއްޖޭގައި އެތައް ހާސް ބަޔަކު ނުކުމެ މިއަދު އަޑުއުފުލައިފި އެވެ.
މާފަންނު ސްޓޭޑިއަމްގައި މިއަދު ހަވީރު ބޭއްވި އެއްވުމުގައި ވަނީ ޣައްޒާގައި، އިސްރާއީލުން ހިންގާ ލާއިންސާނީ ގަތުލުއާންމު ހުއްޓައިލަން ގޮވައިލައިފައެވެ. އަދި އިންސާނީ އެހީ ވެއްދުމަށް ޓަކައި އިސްރާއީލުން އަޅައިފައި ހުރަސްތައް މިހާރުން މިހާރަށް ނައްތައިލައި، އެހީ ވެއްދުމުގެ މަގުތައް ހުޅުވައިލަން ވެސް ގޮވައިލައިފައެވެ.
''ގައުމީ ބޮޑުއެއްވުން'' މިނަމުގައި އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިސްނަގައިގެން ރާއްޖޭގެ ގިނަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ގުޅިގެން ބޭއްވި މި އެއްވުމަކީ ޣައްޒާ ހިޞާރުކުރުމާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވުނު އެއްވުމެކެވެ.
މި ހަރަކާތުގައި ސަރުކާރުގެ ގިނަ ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފަލަސްތީނަށް ނިސްބަތްވާ ރައްޔިތުންގެ އިތުރުން އެކި އުމުރުފުރައިގެ ދިވެހިން ބައިވެރިވިއެވެ.
އަދި ޝެއިޚުންނާއި، މި ހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ވަނީ އެކި ޝުއޫރުތައް ފާޅުކުރައްވައި ހަރަކާތުގައި ވާހަކަދައްކަވައިފައެވެ. އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަަލީ ސައީދު ވެސް ވަނީ ވާހަކަދައްކަވައިފައެވެ.
މި އެއްވުމުގެ ނިމުމުގައި، ބައިވެރިންވަނީ ފަލަސްތީނުގެ ދިދަ ނަގައި، "ފްރީ ޕަލެސްޓައިން" އަދި "ސޭވް ޣައްޒާ" ފަދަ ޝިޢާރުތައް ގަދައަޑުން ގޮވާފައެވެ.
މި ލިޔުން ކިޔާލުމުން