ރާއްޖޭގެ ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޢުމުރާނީ މަސައްކަތްތަކުގެ ތެރެއިން ބޮޑު ހިލަޖެހުމާ ގުޅިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާގެ ކަންކަން މިހާރު ހަމަޖެހި، މަސައްކަތް ދާދިއަވަހަށް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެެެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މާޅޮހު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމޫހޫރިއްޔާ ވިދާޅުވީ، މާޅޮހު ބަނދަރުގެ މައްސަލަ ހައްލުކުރެއްވުމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދެއްކަމަށާއި، ބަނދަރުގެ މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށްވުރެ އަވަސްކުރައްވާނެ ކަމަށެވެ.
ބޮޑުހިލަ ހޯދުމުގެ މަރުހަލާގައި ވަރަށް ގިނަ މަޝްރޫޢުތައް، އެކި ރަށްރަށުގައި ފެށުމުގެ މަރުހަލާގައިހުރިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެކަމަކީ ފައިސާއާއި ގުޅިފައިވާ ކަމަކަށްވާތީ އެކަމަށް ވަގުތު ނެގިނަމަވެސް މިހާރު އެމަސައްކަތް ކުރިއަށް ގެންދެވޭނެމަގު ފަހިވެފައިވާ ކަމަށެވެ.
ބަނދަރުގެ މަސައްކަތާއި އެހެން މަޝްރޫޢުތަކާއި ގުޅިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ބަނދަރުގެ މަސައްކަތް ނިމިގެންދާއިރު، އިތުރުކުރެވޭ ބިމުގެ ޖާގައަށް ރަށުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ.
ސިއްޙަތާއި ހަށިހެޔޮކަމުގެ ދާއިރާއިން ތާވަލުކުރެވިފައި ހުރި މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ސޮއިކުރެވިފައިވާ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަޝްރޫޢު ނިމިގެންދާއިރު އިތުރު ވަސީލަތްތައް ފުރިހަމެވެގެންދާނެ ކަމަށެވެ. އަދި ފުޓުބޯޅަ ދަނޑުގެ މަޝްރޫޢު އެންމެ ފުރިހަމަގޮތުގައި ކުރިއަށްގެންދަވާނޭ ކަމަށާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރ، އައުޓްޑޯ ޖިމްގެ މަސައްކަތް މިއަހަރު ފަށާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މާޅޮހު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ބޭނުންފުޅުވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ ސްކޫލުން ނުވަތަ ރައްޔިތުން އެދޭގޮތެއްގެ މަތިން ސްކޫލް ތަރައްޤީކޮށްދެއްވާނެ ކަމަށެވެ.
މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، މާޅޮހުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތާއި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްފަށްޓަވައިފައެވެ. މީގެ އިތުން މިއަދު ވަނީ މާޅޮހުގައި ޢިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތްވެސް ފަށްޓަވައިފައެވެ.
މި ލިޔުން ކިޔާލުމުން