ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ކައުންސިލްތަކާއި މުއައްސަސާތަކުގެ އެއްބާރުލުން މުހިންމު ކަމަށާ، މިއީ ރަށާއި ޤައުމުގެ ތަރައްޤީއަށް ކުރެވޭ ޚިދުމަތެއް ކަމުގައި ވީ ހިނދު، އެއީ ސިޔާސީ ވިސްނުމަށް ޖާގަދެވި، އެކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެގެންވާނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ދަރަވަންދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިޔާސީ ވިސްނުމަށް ޖާގަދެވި، އެކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވުމުން އާޚިރުގައި ގެއްލުން ވަނީ ރައްޔިތުންނަށް ކަމަށެވެ. ނަމަވެސް އެމަނިކުފާނާ މަތިކުރެވިފައިވާ ޒިންމާ އަދާކުރެއްވުމުގެ ގޮތުން، އެފަދަ ކަމަކަށް ފުރުޞަތު ނުދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ބޭނުންފުޅުވަނީ ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ސަރުކާރުން ޚިދުމަތް ދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރައްވަން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން ހަރަކާތްތެރިވާކަން ފާހަގަކުރައްވައި، ވަކިވަކިން މިސާލު ނަންގަވައި ކަމުގެ އަސްލު، ބަޔާންކޮށްދެއްވާފައެވެ.
އެމަނިކުފާނުގެ ސަރުކާރުން އިސްކުރައްވާނީ ރައްޔިތުންކަމުގައި ވިދާޅުވެ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބ. ދަރަވަންދޫގެ ތަރައްޤީއަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ، އަދި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހިންގަވައި، ނިންމަވައިދެއްވާނެ މުހިންމު މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން ބ. އަތޮޅު މަދަރުސާގެ 8 ކުލާސްރޫމާއި، އޮފީހާއި މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިރޭގެ ޖަލްސާގައި ސޮއިކުރެވިގެންދިޔައިރު، މިމަޝްރޫޢު ނިމި، އޭގެ ފައިދާ ވާން ފެށުމުން، މިމަޝްރޫޢު ވެގެންދާނީ ރަށުގެ ތަޢުލީމީ ޙަޔާތް އައު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމަ މިމޭރުމުން، ރަށުގެ ޞިއްޙީ ދާއިރާއަށްވެސް ތަރައްޤީގެ މުހިންމު ކުރިއެރުންތަކެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ބ. ދަރަވަންދޫގެ ރައްޔިތުންނަށް ދެއްވާފައެވެ. ރަށުގެ ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އުންމީދީ ޚަބަރުތަކެއް ދެއްވާފައެވެ. އަދި ރަށުގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގެ ތެރޭގައި ހިނެނޭ، މަގު ހެދުމާއި ބަނދަރު ތަރައްޤީކުރުމުގެ ކަންކަންވެސް ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނުވަނީ ދެއްވާފައެވެ. މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ރަށަށް އިތުރު ފައިދާ ލިބޭނެ ފަސޭހަތައް ހޯއްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަކީ، ސިޔާސީ ޚިޔާލުތަފާތުވުން ދޫކޮށް، ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއްކަމުގައި ޤަބޫލުކޮށް، ޕްރޮފެޝަނަލް ގޮތުގައި ޒިންމްދާރުކަމާއެކު ފުރިހަމައަށް އެއްބާރުލުން ދިނުންކަމުގައި ހަނދާންކޮށްދެއްވަމުންނެވެ.
މި ލިޔުން ކިޔާލުމުން