އާދިއްތަ, November 1
ދަރަވަންދޫގައި 30 އެންދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމައިފި

އަންނަ އަހަރު ބަޖެތްގައި ހިމަނައިގެން ދަރަވަންދޫގައި 30 އެނދުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެކަމަށް ރައިސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަރަވަންދޫ ރައްޔިތުނާ ބައްދަލުކުރައްވާ އެމަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ޑައިލިސިސް އަދި އެކްސްރޭގެ ހިދުމަތް ދާދި އަވަހަށް ދަރަވަންދޫގައި ފެށިގެންދާނެކަމަށެވެ.

ސިއްހީ ދާއިރާ ކުރިއަރުވައި ރައްޔިތުންނަށް ފަސޭހަ ގޮތަކަށް ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށް ވިދާޅުވަމުން ރައީސް ވަނީ ޑައިލިސިސް ހިދުމަތާއި އެކްސްރޭގެ ހިދުމަތް އެރަށުގައި ދާދި އަވަހަށް ފެށޭނެ ކަމުގެ އުފާވެރި ހަބަރު ދެއްވާފައެވެ.

ރައީސް ވިދާޅުވީ ދަރަވަންދޫގައި މިހާރު ހުރި ސިއްހީ މަރުކަޒުގެ ފެންވަރު މަތިކޮށް، އިތުރު އެނދުތަކާއި ވަސީލަތްތައް ހިމަނައިގެން 30 އެނދުގެ ހޮސްޕިޓަލެއް ނުވަތަ ސިއްހީ މަރުކަޒެއް އަޅައިދޭނެ ކަމަށެވެ.

"މިހާރު މިހުރި ސިއްހީ މަރުކަޒުގެ ފެންވަރު މަތިކޮށް އިތުރު އެނދުތަކާއި އިތުރު ވަސީލަތްތައް ހިމަނޭ ގޮތަށް އަޅުގަނޑުމެން މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މިރަށުގައި އަޅުގަނޑުމެން 30 އެނދުގެ ސިއްހީ މަރުކަޒެއް ނޫނީ ހޮސްޕިޓަލެއް އަޅައިދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން." ރައީސް ވިދާޅުވިއެވެ.

ދަރަވަންދޫގައި ހޮސްޕިޓަލެއް އެޅުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއީ ރަށުގެ ރައްޔިތުންނަށް ބޭނުންވެފައި އޮތް ހިދުމަތަކަށް ވާތީ ކަމަށެވެ. މީގެ އިތުރުން ދަރަވަންދޫއަކީ ޓޫރިޒަމް ދާއިރާގައި ކުރިއަރާފައިވާ ރަށަކަށް ވެފައި، އެއާޕޯޓު އޮންނަ ރަށަކަށް ވާތީ އެ ރަށަށް ޒިޔާރަތްކުރާ އެކި ދާއިރާގެ މީހުންނަށް ފަސޭހަ ކޮށްދިނުމަށް ވެސް ހޮސްޕިޓަލެއް ހުރުން ވަރަށް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު