Monday, November 9
ދަރަވަންދޫ އެއަރޕޯޓް އައިލޭންޑް އޭވިއޭޝަނާއި ހަވާލުކޮށް ސަރުކާރުން ތަރައްޤީކުރުމަށް ނިންމައިފި

ބ.ދަރަވަންދޫ އެއާޕޯޓް އައިލެންޑު އޭވިއޭޝަނާ ހަވާލުކޮށް ސަރުކާރުން ތަރައްްޤީ ކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދަރަވަންދޫއަށްް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

ދަރަވަންދޫ އެއާޕޯޓަކީ ފަތުރުވެރިކަމުގެ ދާއިރާގައިވެސް އެންމެ ކާމިޔާބު ސަރަހައްދީ އެއާޕޯޓަށްވީ ނަމަވެސް މި އެއާޕޯޓުގެ ތަރައްގީއަށް މިދިޔަ ދުވަސްތަކުގައި މާބޮޑު ކަމެއް ކޮށްފައިނުވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ އެއާޕޯޓް މިހާރު ހިންގަމުންދާ ފަރާތުން އަތުލައި އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްގެން ތަރައްގީކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.

"ސަރުކާރުން މިތަނަށް އިންވެސްޓުކޮށްފައިވާ ފަރާތް، މިތަން ޑިވެލޮޕްކޮށްފައިވާ ފަރާތާއެކީގައި މަޝްވަރާތައް ކުރިއަށް ގެންދާނަން. ގެންގޮސް އެފަރާތާއެކީގައި ދެފަރާތަށް އެއްބަސްވެވޭ އެއްބަސްވުމަކަށް އައިސް، އެއާޕޯޓު އެފަރާތުން ނަގައި އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، އައިލެންޑް އޭވިއޭޝަނުން އެތަން ސަރުކާރު ބޭނުންވާ ފެންވަރެއްގައި، ރައްޔިތުން ބޭނުންވާ ފެންވަރަށް ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް ހަވާލުކުރަން ނިންމާފައިވާ ވާހަކަ އަޅުގަނޑު ދަންނަވާލަން." ރައީސް ވިދާޅުވިއެވެ.

މި މަސައްކަތަށް ސަރުކާރާއި އައިލެންޑް އޭވިއޭޝަނުން ތައްޔާރަށް އޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެ ސަރަހައްދަކީ ޔުނެސްކޯގެ ބައޮސްފިޔާ ރިޒާވެއްގެ ގޮތުގައި އޮތް ސަރަހައްދަކަށްވާއިރު، ފަތުރުވެރިކަމުގެ ދާއިރާގައިވެސް މި އެއާޕޯޓަކީ މުހިންމު ދައުރެއް އަދާކުރާނެ އެއާޕޯޓެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން އަންނަ އަހަރުތެރޭގައި އިތުރު ވޮޗް ޓަވާއެއް ގާއިމުކޮށްދޭނެ ކަމަށާއި އެތަނުން ރަށުގެ ރައްޔިތުންނަށް ލޯކަލް ޓޫރިޒަމުން ފައިދާކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު