Saturday, October 31
އީޕީއޭ މިނިވަންކަމާއެކު ދެމި އޮންނަންޖެހޭ: ނަޝީދު
އީޕީއޭ މިނިވަންކަމާއެކު ދެމި އޮންނަންޖެހޭކަމަށް ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ "އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ" ގެ ނަން، "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް މިއަދު ބަދަލުކުރައްވައިފިއެވެ. މި ބަދަލާއެކު، މިހާތަނަށް ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގި އިދާރާއެއްގެ ގޮތުގައި އެ އިދާރާ އޮތް ހައިސިއްޔަތު ބަދަލުވެ، އެއީ ސީދާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ. މި ބަދަލު ގެންނަވާފައި ވަނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށްވާތީ، އެ އިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސެވުމުގެ އިތުރުން، އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުންފުޅުގައެވެ. މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުތަކަކީ އިތުބާރު ކުރެވޭ ސިޔާސަތުތަކަކަށް ހެދުމަށްޓަކައި އީޕީއޭ މިނިވަންކަމާއެކު ދެމި އޮންނަންޖެހޭ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. ސަރކާރުން މިބަދަލުގެނައުމުގެ މަޤްސަދުގެ ތެރޭގައި ސަރުކާރުން ޚާއްސަ އިސްކަމެއްދޭ މަޝްރޫއެއްގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭ ލިޔުން ހޯދުމަށް އެދި ހުށަހެޅުމާ ހަމައަށް ނިންމަންޖެހޭ މަރުހަލާތައް ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އެއްވެސް ލަސްކަމެއް ނާންނަ ގޮތަށް ނިންމުން ހިމެނެއެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު