ސްޕެއިންގައި ކިޔެވުމަށް ވިސާ ނެގުމުގައި ލުއި ގޮތްތަކެއް ދަރިވަރުންނަށް ހަމަޖައްސައިދީފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޕެޓިޝަނަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުންނެވެ.
ޕެޓިޝަން ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެވުޒާރާއިން މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނާ އެވުޒާރާއިން އޮންލައިންކޮށް ބައްދަލުކުރި ކަމަށެވެ. އެގޮތުން ދަރިވަރުންނަށް ސްޓޫޑެންޓް ލޯން ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މާލީ ވުޒާރާއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ބައްދަލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މާލީ ވުޒާރާއިން ލަފާދެއްވީ ވަކި ދަރިވަރުންތަކަކަށް ހައްލު ހޯދައިދިނުމަށް ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ ބަދަލުގައި މިހާރު އެކުލަވާލާފައިވާ އުޞޫލުތަކުގެ ތެރެއިން ހައްލު ހޯދައިދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މަތީ ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވީ ސްޕެއިން ވިސާ ހޯދުމަށްވެސް ލުއި ގޮތްތަކެއް ފަހިކޮށްދިނުމަށްވެސް މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި މިކަމަށް ކޮންމެވެސްވަރެއްގެ ހައްލެއް ޚާރިޖީ ވުޒާރާއިން ހޯއްދަވައިދެއްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ދަރިވަރުގެ ބަޔޮމެޓްރިކް ޑޭޓާ ހުށައެޅުމަށްފަހު، ވަގުތީ ގޮތުން ރާއްޖެ އަންނަ ދަރިވަރުންނާއި ވަކި މުއްދަތެއްގެ ކުރިން ބަޔޮމެޓްރިކް ޑޭޓާ ހުށައަޅާފައިވާ ދަރިވަރުންގެ ޕާސްޕޯޓްތައް، ވުޒާރާ މެދުވެރިކޮށް ނިއުދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ފޮނުވާ، ސްޕެއިން އެމްބަސީއަށް ވިސާއަށް އެދި ހުށައެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ސްޕެއިންގައި ކިޔަވާ ދަރިވަރުންނާ މުޢާމަލާތުކުރުމަށް ވަޓްސްއެޕް ނަންބަރެއްވެސް މިނިސްޓްރީން ވަނީ ތަޢާރަފްކޮށްފައެވެ.
މިވަގުތު ސްޕެއިންގައި 127 ދަރިވަރުން ދަނީ ޕައިލެޓްކަން ކިޔަވަމުންނެވެ.
މި ލިޔުން ކިޔާލުމުން