Saturday, October 31
މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރޝިޕް ޕްރޮގްރާމް އިފްތިތާހުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ (ނެޝަނަލް ސެންޓަރ ފޯ އިންފޯރމޭޝަން ޓެކްނޮލޮޖީ- އެންސީއައިޓީ) އަދި މާސްޓަރކާޑް ގުޅިގެން ސްޓްރެޓީޖިކް އެސްބަސްވުމެއްގެ ދަށުން، "މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރޝިޕް ޕްރޮގްރާމް" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް އިފްތިތާހުފިއެވެ.

ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ރާވާފައިވާ މި ސްޓްރެޓެޖިކް ޕްރޮގްރާމްގެ މަގްސަދަކީ، ދިވެހި ސަރުކާރުގެ ޑިޖިޓަލް ޚިދުމަތްތަކަށް ފަހި ރާއްޖެ އަށް ބިނާ ކުރުމުގެ ތަސައްވުރަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ޒަމާނީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް އެކުލަވާލުމަށް އެހީތެރިވެދިނުމާއި ރައްކާތެރި އަދި ފުރިހަމަ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ މިންވަރު އިތުރުކުރުން ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެ މަސައްކަތްތައް:

  • އިތުރު ޚިދުމަތްތަކާއެކު ރައްކާތެރިކަން އިތުރަށް ފުރިހަމަކޮށް ޑިޖިޓަލް އައިޑެންޓިޓީ އަދި ޕޭމަންޓް ސިސްޓަމް ޒަމާނީ ކުރުން
  • އޭއައި ބޭނުންކޮށްގެން ސައިބަރސެކިއުރިޓީ ވަރުގަދަކުރުން
  • ޑިޖިޓަލް ޕޭމަންޓްގެ ނިޒާމު އިތުރަށް ފުޅާކޮށް، ސަރުކާރުންދޭ ޚިދުމަތްތަކާއި މުހިންމު އެހެން ދާއިރާތަކުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން
  • ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ ޕޭމަންޓް ސިސްޓަމް މިހާރަށް ވުރެ ފަސޭހަކޮށް ޒަމާނީ ކުރުން
  • ފަތުރުވެރިކަމުގެ ސިނާޢަތާއި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކުރާ އެހެނިހެން ދާއިރާތަކަށް، އަމަލީ ގޮތުން މަސައްކަތްކުރެވޭނެ މައުލޫމާތު އުފެއްދުމަށް ޑޭޓާ އެނަލިޓިކްސް ބޭނުންކުރުން

މި އެއްބަސްވުމަކީ ރާއްޖޭގައި ހަރުދަނާ އިންކްލޫސިވް އަދި ކުރިމަގަށް ފަހި ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމުގައި ބީއެމްއެލް އިން ސިފަކުރެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖެ އަށް އިންގިލާބީ ބަދަލެއް ގެނައުމަށް މާސްޓަރކާޑާއި އެންސީއައިޓީ އާއެކު ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

"މި ޕްރޮގްރާމްގެ ސަބަބުން މިހާރަށް ވުރެ ބޮޑަށް އިންކްލޫސިވް ރައްކާތެރި އަދި ޑިޖިޓަލް ގޮތުން ކުރިއަރާފައިވާ މުޖުތަމައެއް ބިނާކުރުމަށް އެހީވެދޭނެ. މާސްޓަރކާޑުގެ ބައިނަލްއަގުވާމީ ފެންވަރުގެ ގާބިލުކަމާއި ދިވެހި ފަންނުވެރިކަން ގުޅުމުން ރާއްޖޭގެ މުސްތަގުބަލަށް ހަރުދަނާ ބިންގަލެއް އެޅިގެންދާނެ"، ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ހެޑް ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާއި އެއްގޮތަށް، މޯލްޑިވްސް 2.0 ގެ ދަށުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ދެފުށްފެންނަ ނިޒާމެއް ގާއިމުކޮށް އަދި ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް ރާއްޖެ އަށް މިދަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެންނަމުން ކަމަށެވެ.

މާސްޓަރކާޑުގެ ފަރާތުން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރ ސަންދުން ހަޕުގޮޑާ ވިދާޅުވީ ޑިޖިޓަލް އިނޮވޭޝަންގެ ސަބަބުން ހުޅުވިގެންދާ އިގްތިސާދީ ފުރުސަތުތަކާއި ފަހި ބަދަލުތަކަށް އޮތް ފުރުސަތު މާސްޓަރކާޑުން ބަލައިގަންނަ ކަމަށެވެ.

"މޯލްޑިވްސް ޑިޖިޓަލް ޕާޓްނާޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް، ޑޭޓާ އާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް ބޭނުންތެރި ނަތީޖާތަކެއް ހޯދުމަށާއި ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދީ ޑިޖިޓަލް އެކޮނޮމީއަކަށް ކުރާ ދަތުރު އަވަސްކުރުމަށް އަޅުގަނޑުމެން އެހީތެރިވެދޭނަން"، އޭނާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު