ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމު ހުސްވެފައިވާތީ، އެ ވުޒާރާއަށް ޕަރމަނަންޓް ސެކްރެޓަރީއަކު ހަމަޖެއްސުމަށްޓަކައި، އެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
މި މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ސަރުކާރުގައި ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންވާނެއެވެ. ނުވަތަ އެ ފަރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.
މި މަޤާމަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 20،500ރ. އާއި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. ހިމެނޭހެން ޖުމުލަ 35،500ރ. ލިބޭނެއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ 2025 އޮގަސްޓު 19 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
މި ލިޔުން ކިޔާލުމުން