އާދިއްތަ, November 15
ނޯތު ހާބަރަށް ބަދަލުތައް ގެންނާނީ މަސްވެރިންގެ ލަފަޔާއެކު: އެމްޕީއެލް

މާލޭ ނޯތު ހާބަރަށް ގެންނަ ކޮންމެ ބަދަލެއް ގެންނާނީ، އެތަން ބޭނުންކުރާ މަސްވެރިންގެ ލަފަޔާއި އިރުޝާދާއެކުކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، ބަނދަރުގެ ހިދުމަތްތައް ހަރުދަނާކުރުމަށް މަސްވެރިންނާ ގުޅިގެން މަސައްކަތް ކުރާނެކަމަށް އެމްޕީއެލްއިން ވަނީ ޔަގީންކަން ދެއްވާފައެވެ.

މަސްމާރުކޭޓު ސަރަހައްދާއި، އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮއްޓާ ހަމައަށް ހިމެނޭހެން މިހާރު މާލޭގެ ވިޔަފާރި ބަނދަރާއި ނޯތު ހާބަރު ސަރަހައްދު ބަލަހައްޓަމުން ދަނީ އެމްޕީއެލްއިންނެވެ. މި ސަރަހައްދު އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ މިދިޔަ ޖޫންމަހުގެ ތެރޭގައެވެ.

މި ސަރަހައްދު އެމްޕީއެލްއާ ހަވާލުކުރުމާއެކު، އެކުންފުނިން ދަނީ މާލެ ނޯތު ހާބަރުގައި މަސްވެރިން ބޭނުންކުރާ ސަރަހައްދަށް ބަދަލުތައް ގެނެސް، މަސްވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދެއްވަމުންނެވެ. އަދި އެ ސަރަހައްދަށް ގެންނަ ބަދަލުތަކާއި ގުޅޭ ގޮތުން ހިޔާލު ހޯދުމަށް އެމްޕީއެލްއިން ދަނީ މަސްވެރިންނާވެސް ބައްދަލުކުރައްވަމުންނެވެ.

މަސްވެރިންނާއެކު ބޭއްވި ފުރަތަމަ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ ނޯތު ހާބަރު ސަރަހައްދުގައި މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސްވެރިންނާއި ގުޅިގެން މަސައްކަތް ކުރާނެކަމަށެވެ. އަދި މަސްވެރިންނަށް ފަސޭހަވާނެ ގޮތަށް ގިނަ ހިދުމަތްތަކެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ރިޝްވާން ވިދާޅުވިއެވެ. އެގޮތުން ފެނާއި، ކަރަންޓު، އައިސް އަދި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރިޝްވާން ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މަސްވެރިން ގާތަށް ގޮސް ޚިޔާލު ހޯދާނެ ކަމަށާއި، މަސްވެރިންނާ ގުޅިގެން ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މިގޮތަށް މަސްވެރިންނަށް ފަސޭހަކޮށްދިނުމަކީ އެމްޕީއެލްގެ އެންމެ އިސް އެއް އަމާޒުކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު