Saturday, October 31
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރަން ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ: އާދަމް ޝަރީފު

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް، އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

މިނިސްޓަރ ކުރެއްވި  އެކްސް ޕޯސްޓްގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ މައިގަނޑު އެއް އަމާޒަކީ ކައުންސިލްތަކަށް ޙަޤީޤީ ބާރުތައްދީ، ރައްޔިތުންނާ ގާތުން މަސައްކަތްކުރާ މުއައްސަސާތަކެއްގެ ގޮތުގައި ކައުންސިލްތައް ހެއްދެވުން ކަމަށް ވިދާޅުވެފައި ވެއެވެ.

އެ ގޮތުން މިނިސްޓަރ ވިދާޅުވީ، ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދިނުމުގެ ގޮތުން ފަޅުރަށްތައް ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ދެއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ކައުންސިލްތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާގެ އަލީގައި ކަންކަން ނިންމަވައި ދެއްވުމަކީ މި ސަރުކާރުން ގެންގުޅޭ އާންމު ސިޔާސަތު ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި އެކްސް ޕޯސްޓްގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެފައިވަނީ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކާ ގުޅޭ ގޮތުން ކައުންސިލްތަކުން ހުށަހަޅައި ބަދަލުތައް ގެނެސްދެއްވުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ޙަޤީޤީ މާނައިގައި ބާރުވެރިކޮށް، ރައްޔިތުންގެ އިތުބާރު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުތަކުގެ ހެތްކެއް ކަމަށެވެ.

މިނިސްޓަރގެ އެކްސްޕޯސްޓް ނިންމަވައިލައްވާފައިވަނީ ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުމާއެކު، އެ ބާރުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އިތުބާރު އެތައް ގުނައަކަށް ބޮޑުވެގެންދާނެ ކަމެއްކަމަށް ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު