Saturday, October 31
ޔުމްނުގެ ބަޔާން އަދިވެސް ނުނެގޭ: ފުލުހުން

މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި އޭނާގެ ބަޔާން އަދިވެސް ނުނެގޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުންގެ މީޑިއާ ގްރޫޕްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޔުމްނުގެ ބަޔާން އަދިވެސް ނުނެގޭ ކަމަށެވެ. ނަމަވެސް ބަޔާން ނެގިފައި ނުވާ ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، ޔުމްނުގެ ބަޔާން ދޭން އޭނާގެ އާއިލާއިން ދެކޮޅު ހެދިކަމަށް، މި ހާދިސާ ތަހުގީގު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުންވެސް ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ރިޔާސީ ކޮމިޝަނުން މިއަދު ހާމަކުރި ގޮތުގައި، ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާގެ ބަޔާން ނެގުމަށް މަސައްކަތްކުރި ނަމަވެސް، އެކަމަށް އޭނާގެ އާއިލާގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާކަމަށް ބުނެފައިވެއެވެ. އެހެންކަމުން، ކޮމިޝަނުން ރައީސް މުޢިއްޒުއަށް ހުށަހެޅި ރިޕޯޓުގައި ޔުމްނުގެ ބަޔާން ހިމެނިފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޔުމްނު ވެއްޓުމުގައި މީހަކު ނުވަތަ ބަޔަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރި ކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އަދި ހާދިސާ ހިނގި ވަގުތު އެ ތަނުގައި ރައުދު އަހްމަދުގެ އިތުރުން އެހެން މީހަކު ހުރިކަން އެނގެން ނެތް ކަމަށް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޔުމްނުގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކަށް ބަލާއިރު، ހ. މިޓާޒް ފުރާޅުމަތީގައި ޖެހުމުގެ ސަބަބުން ލިބުނު އަނިޔާތައް ފިޔަވައި އިތުރު އަނިޔާއެއް ލިބިފައިނުވާކަން މެޑިކަލް ރިކޯޑްތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތެވެ.

ކޮމިޝަނުން ބުރަވާ ގޮތުގައި ޔުމްނު ވެއްޓިފައިވަނީ ސިޑިގޮޅީގެ ކުޑަދޮރުން ކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވެއެވެ. ނަމަވެސް، ސިޑިގޮޅިން ޔުމްނު ފުންމާލީ އޭނާގެ އަމިއްލަ އިހްތިޔާރު ކަމަށް ކަނޑައެޅެން ނެތް ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ޔުމްނު އެއްވެސް ކަމަކާ ދެރަވެގެން އަމިއްލަ ނަފުސަށް އަނިޔާއެއް ދޭން އުޅޭ ކަން ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތެވެ. އެހެންކަމުން ޔުމްނު އަމިއްލަ އިހްތިޔާރުގައި ފުންމާލީ ކަމަށް ބެލެވެން ނެތް ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

ކޮމިޝަނުން ހިންގި ތަޙުޤީޤަށް ފަހު އެ ކޮމިޝަނަށް ބުރަވެވެނީ ޔުމްނު ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުނީ ކަމަށެވެ. އެއީ، ޔުމްނު ވައްޓާލީ ކަމަށް އަދި ފުންމާލީ ކަމަށް ބެލެވެން ނެތުމުންނެވެ. އަދި އެގޮތަށް ނިންމީ އެރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތުންނާއި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވުމުން ކަމަށްވެސް ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރައުދު އަހުމަދު ގަސްތުގައި ހައްވާ ޔުމްނު ވައްޓާލީ ކަމަށްވެސް ނުބެލެވެއެވެ. ނަމަވެސް ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު އހުމާލު އޮތް ކަމަށް ކޮމިޝަނުން ކަނޑައަޅާފައިވެއެވެ.

ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ހާދިސާ ހިނގިރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތުން އޭނާ ހުރީ މަސްތުގެ ހާލަތުގައެވެ. އަދި ރައުދާއި ޔުމްނު ވެސް ތިބީ މަސްތުގެ ހާލަތުގައި ކަން ތަޙުލީލު ރިޕޯޓުތަކުން ދައްކާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ކޮމިޝަނުން ބުނެފައިވާ ގޮތުގައި ރައުދު އާއި ޔުމްނު މަސްތުގެ ހާލަތަށް ދިޔައީ އެ ދެ މީހުންގެ އަމިއްލަ އިޚްތިޔާރުގައި ކަމަށްވާތީ، އޭގެ ސަބަބުން ދިމާވާ ކަންކަމުގެ ޒިންމާ އެ ދެ މީހުން އުފުލަންޖެހޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު