ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގިނަ އިޞްލާޙުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލަށް ވޯޓަށް އެހުމުން، ބިލު ފާސްކުރަން ފެންނަ ކަމަށް 51 މެންބަރުން ވޯޓު ދެއްވިއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވީ އަށް މެންބަރެކެވެ.
މި ބިލާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މި ބިލު ފާސްކޮށްފައިވަނީ ރޭގައެވެ.
ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިނެވެ.
މި ބިލުގައި ވަނީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތަކީ ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިޤުތިޞާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުމާއި، އެ މަސައްކަތަކީ ރަށުގެ ޢުމްރާނީ ތަރައްޤީއަށް ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތަކަށްވުމާއި، މަސައްކަތުގެ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާއަށް ބޮޑުވުން ލާޒިމްކޮށްފައެވެ.
މީގެ އިތުރުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތަކުން ކުލި ނުނެގޭނެ ކަމުގައިވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އަދި، ކައުންސިލްތަކަށް ސަރުކާރުން ދޭ އެހީ ދޫކުރަންވާނީ ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ޓެކުހަށް ވާ ފައިސާއާއި އާންމު ޚިދުމަތްތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ، އެ ފައިސާއެއް އުނި ކުރުމަށްފަހު ބާކީވާ އަދަދު ކަމަށްވެސް ބިލުގައިވެއެވެ.
މީގެ އިތުރުން މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލްތަކުގެ ބޭންކް އެކައުންޓްތައް ބަލަހައްޓަންވާނީ މާލީ ވުޒާރާއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އަދި ކައުންސިލްތަކުގެ އުމުރު ހަމަވުމާ ދެމެދު އެއް އަހަރު ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، މާލީ ވުޒާރާއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މެނުވީ، ކައުންސިލްގެ އިދާރާއަށް ނުވަތަ އޮފީހަކަށް ދާއިމީ އަދި ކޮންޓްރެކްޓް މުވައްޒަފުން ނުނެގޭނެ ކަމަށާއި، ކައުންސިލްގެ އިޚްތިޞާޞްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ނުދެވޭނެ ކަމަށާއި، އައު ތަރައްޤީގެ މަޝްރޫޢުތައް ނުފެށޭނެ ކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން