އާދިއްތަ, November 15
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް މެޑިކަލް އަދި ސްޕައުސް ވިސާ އެއް އަހަރު ދުވަހަށް ޖަހައިދޭން ނިންމައިފި

1 އޮގަސްޓް 2025 އިން ފެށިގެން، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްރީލަންކާ ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ދިވެހިންނަށް ސްޕައުސް ވިސާ އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމާފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ ސްރީލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ އަދި ޞިއްޙީ ފަރުވާއަށް ދަތުރުކުރާ ޤައުމަކަށްވާތީ، މި ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލެއް ލިބިގެންދާނެކަމަށް އެ ވުޒާރާއިން ދެކޭ ކަމަށެވެ.

ވިސާއަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް، ވަކިން ޚާއްޞަކޮށް، ސެކިއުރިޓީ ކްލިއަރެންސްއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކުރެއެވެ.

ވިސާއަށް އެދޭ ފަރާތުގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އޭގެ ސަބަބުން ވިސާ ބާޠިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެތީ، މިކަމަށް ސަމާލުވުމަށް ސްރީލަންކާ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ވީމާ، ސްރީލަންކާގައި ދިރިއުޅޭ އެންމެހައި ދިވެހިން މި މުހިންމު ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޚާރިޖީ ވުޒާރާއިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު