އާދިއްތަ, November 15
އަމިއްލަ ފަރާތްތަކުން ކުރާ ވިޔަފާރިތައް ކައުންސިލްތަކަށް ނުކުރެވޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް އިޞްލާޙުތަކެއް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގިނަ އިޞްލާޙުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިނެވެ.

މި ބިލު ހުށަހަޅުއްވާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ޤާނޫނުގައި ކަނޑައެޅުމާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި ޢަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖަޢާކުރުމާއި، ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމެވެ.

މިގޮތުން މި ބިލުގައި ވަނީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތަކީ ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިޤުތިޞާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުމާއި، އެ މަސައްކަތަކީ ރަށުގެ ޢުމްރާނީ ތަރައްޤީއަށް ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތަކަށްވުމާއި، މަސައްކަތުގެ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާއަށް ބޮޑުވުން ލާޒިމްކޮށްފައެވެ.

މީގެ އިތުރުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތަކުން ކުލި ނުނެގޭނެ ކަމުގައިވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އަދި، ކައުންސިލްތަކަށް ސަރުކާރުން ދޭ އެހީ ދޫކުރަންވާނީ ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ޓެކުހަށް ވާ ފައިސާއާއި އާންމު ޚިދުމަތްތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ، އެ ފައިސާއެއް އުނި ކުރުމަށްފަހު ބާކީވާ އަދަދު ކަމަށްވެސް ބިލުގައިވެއެވެ.

މީގެ އިތުރުން މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލްތަކުގެ ބޭންކް އެކައުންޓްތައް ބަލަހައްޓަންވާނީ މާލީ ވުޒާރާއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އަދި ކައުންސިލްތަކުގެ އުމުރު ހަމަވުމާ ދެމެދު އެއް އަހަރު ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، މާލީ ވުޒާރާއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މެނުވީ، ކައުންސިލްގެ އިދާރާއަށް ނުވަތަ އޮފީހަކަށް ދާއިމީ އަދި ކޮންޓްރެކްޓް މުވައްޒަފުން ނުނެގޭނެ ކަމަށާއި، ކައުންސިލްގެ އިޚްތިޞާޞްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ނުދެވޭނެ ކަމަށާއި، އައު ތަރައްޤީގެ މަޝްރޫޢުތައް ނުފެށޭނެ ކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު