Saturday, October 31
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް އިނާޔަތް ދިނުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދަނީ
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާމެދު ރައްޔިތުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިކަމަށްޓަކައި އިނގިރޭސި އަދި ދިވެހި ބަހުން ޚިޔާލު ހުށަހަޅާ ފޯމު ތައްޔާރުކޮށް އާންމުކޮށްފައެވެ. އެޗްޕީއޭ އިން ވަނީ ވީހާވެސް ގިނަ ފަރާތްތަކުން ޚިޔާލު ހުށަހެޅުމަށް އެދިފައެވެ. އެޗްޕީއޭ އިން ބުނީ މި ސާރވޭގެ މަޤުޞަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓަލާ ރަށްރަށުގެ އަބާދީގެ އެންމެނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމާއި، މުޖުތަމައު ހޭލުންތެރިކުރުމާ ގުޅޭ ގޮތުންނާ، ތަންފީޛު ކުރުމުގައި ދިމާވާ ގޮންޖެހުންތަކާމެދު އާންމުން ދެކޭގޮތާއި، ކުރިއަށް އޮތްތަނުގައި ރަގަނޅު ކުރުމަށް ފެންނަ ކަންތައްތައް ދެނެގަތުން ކަމަށެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވުމަށްފަހު، އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ މިދިޔަ ޖޫން މަހު ނިންމަވައިފައެވެ. 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން މަނާކުރާ ގޮތަށް ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލުރައީސް ތަޞްދީޤުކުރެއްވީ މިދިޔަ މޭ މަހުގެ 21 ވަނަ ދުވަހުއެވެ. މި އިޞްލާޙުގެ ދަށުން ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން މަނާ ވާނެއެވެ. އަދި ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރުކުރުން، ސްޕޮންސަރކުރުން، ޕްރޮމޯޓްކުރުން ފަދަ އެއްވެސް ކަމެއް ކުރުން މުޅީން މަނާ ވާނެއެވެ. މި އިޞްލާޙުގެ ދަށުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނާ ޚިލާފަށް ގެންގުޅޭ ތަކެތި ހިފެހެއްޓުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދިނުމާއެކު، އެ އަތުލައިގަނެވޭ، ދުންފަތާ، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް އަދި އެފަދަ ތަކެތި އުފައްދާ މެޝިނަރީ ފަދަ ހުރިހާ އެއްޗެއް ރައްޔިތުންނަށް ސީދާ ޔަގީންކަން އޮންނަ ގޮތުގައި އިތުބާރާއެކު ނައްތާލެވޭނެ ނިޒާމެއް ކަނޑައެޅިފައިވެއެވެ. މީގެ އިތުރުންވެސް ދުންފަތުގެ ނުރައްކަލުން ދިވެހި ޤައުމު މުޅީން ސަލާމަތް ކުރުމަށާއި، މަސްތުވާތަކެއްޗާ އެނޫން ނޭއްގާނީ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް މުހިންމު ކަންކަން މި އިޞްލާޙުގެ ތެރެއިން ކަނޑައަޅުއްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު