Monday, November 9
މަސް އެކްސްޕޯޓް: ފުރަތަމަ ހަމަހު އާމްދަނީ %43 އިތުރުވެއްޖެ!

މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ރާއްޖެއިން މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ، މިދިޔަ އަހަރާ އަޅާބަލާއިރު 43 އިންސައްތަ އިތުރުވެފައިވާ ކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ޖޫން މަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާންމުކުރާ ރާއްޖޭގެ އެކި ސިނާއަތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރު މަސް އެކްސްޕޯޓު ކުރި މިންވަރު ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ.

މަހުގެ އެކްސްޕޯޓަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޖުމްލަ 74 މިލިޔަން ޑޮލަރުގެ އާމްދަނީއެއް މަސް އެކްސްޕޯޓްކޮށްގެން ހޯދާފައިވެއެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހޯދިފައިވަނީ 52 މިލިޔަން ޑޮލަރެވެ. މިއީ މަސް އެކްސްޕޯޓުން ލިބުނު އާމްދަނީ 43 އިންސައްތައިގެ ކުރިއެރުމެއް ހޯދިކަން ދައްކުވައިދޭ ހިސާބެކެވެ.

މި އަހަރުގެ ފުރަތަމަ ހަމަސްދުވަހު މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީގެ ތަފްސީލު ތިރީގައި މިވަނީއެވެ.

• ޖަނަވަރީ: 8.6 މިލިޔަން ޑޮލަރު

• ފެބްރުއަރީ: 13.3 މިލިޔަން ޑޮލަރު

• މާރިޗު: 12.4 މިލިޔަން ޑޮލަރު

• އެޕްރީލް: 18.2 މިލިޔަން ޑޮލަރު

• މެއި: 11.2 މިލިޔަން ޑޮލަރު

• ޖޫން: 10.8 މިލިޔަން ޑޮލަރު

މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ރާއްޖެއިން މަސް އެކްސްޕޯޓުކުރި މިންވަރު 67 އިންސައްތަ އިތުރުވެފައިވާކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

އެގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި 26,850.8 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކޮށްފައިވާއިރު، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 44,877.7 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކުރެވިފައިވާ ކަމަށް ވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 18,026.9 މެޓްރިކް ޓަނުގެ އިތުރުވުމެކެވެ.

މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި މަސް އެކްސްޕޯޓުކުރެވުނު މިންވަރު މަސް މަހަށް ތިރީގައި މިވަނީއެވެ.

• ޖަނަވަރީ މަހު 5،710 މެޓްރިކް ޓަނު

• ފެބްރުއަރީ މަހު 8،511 މެޓްރިކް ޓަނު

• މާރިޗު މަހު 7،376 މެޓްރިކް ޓަނު

• އެޕްރީލް މަހު 9،700 މެޓްރިކް ޓަނު

• މެއި މަހު 7،500 މެޓްރިކް ޓަނު

• ޖޫން މަހު 6,026 މެޓްރިކް ޓަނު

މަސް އެކްސްޕޯޓުކުރެވުނު މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު މިހާ ބޮޑުތަނުން އިތުރުވެފައި މިވަނީ، ރާއްޖޭގެ މަސްވެރިކަން މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލައިއިރު ހަރުދަނާކޮށް ރަނގަޅުވެފައިވާތީއެެވެ. ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް، ސިނާޢަތުން ގައުމީ އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި، ރާއްޖޭގެ މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް، މަސް ރައްކާކުރުމުގެ ޤާބިލިއްޔަތު އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު