Saturday, October 31
ފިޝަރީސް މިނިސްޓްރީގެ "ކެޕޭސިޓީ ބިލްޑިންގ" ޕްރޮގްރާމް ފަށައިފި

ސިވިލް ސަރވިސްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އާންމު ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައި، ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓް (CSTI) އިން އިސްނަގައިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމް ފަށައިފިއެވެ.

ފިޝަރީސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއީ ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓް (CSTI) އިން މިނިސްޓްރީތަކަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުމަށް ކުރިއަށްގެންދާ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނެކެވެ.

މި ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ފެއްޓެވުމުގެ ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ސަޢީދާއި އެކޮމިޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ޝިމާޒު ގެ އިތުރުން އެމިނިސްޓްރީގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބޭނުންވާނެ ތަމްރީނުތައް ދެނެގަނެ، އެ ތަމްރީނުތަކަށް ބިނާކޮށް އަހަރުގެ ޓްރެއިނިންގ ޕްލޭން އެކުލަވާލުމެވެ. މީގެ އިތުރުން، މި ޕްރޮގްރާމްގެ ދިގު ރާސްތާ މަޤްޞަދުތަކުގެ ތެރޭގައި ސިވިލް ސަރވިސްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އާންމު ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުން ހިމެނެއެވެ.

ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވި އިސްވެރިން ވަނީ، މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ މުވައްޒަފުންވެސް ޓްރެއިނިންގ ޕްރޮގްރާމްގެ އެންމެ ފުރިހަމަ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، ޓްރެއިނިންގ ޕްރޮގްރާމުން ލިބޭ ހުނަރުތަކާއި މައުލޫމާތުތަކުން އާންމު ރައްޔިތުންނަށް ދެވޭ ހިދުމަތާއި މަސައްކަތްތައް އިތުރަށް ފުރިހަމަކުރަން މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ބައިވެރިންނަށް ހަނދާންކޮށްދެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު