Saturday, October 31
ހަވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް އޮގަސްޓު 4 އިން 5 އަށް

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްން 2016 ވަނަ އަހަރުން ފެށިގެން، ކޮންމެ ދެއަހަރުން އެއް އަހަރު ބާއްވަމުން އަންނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް ސީރީޒްގެ ހަވަނަ ސިމްޕޯޒިއަމް (އެމް.އެމް.އެސް 2026) އަންނަ އޮގަސްޓު މަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިގޮތުން ހަވަނަ އެމް.އެމް.އެސް.އެސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 4 އާއި 5 ވަނަ ދުވަހު، މާލޭގައެވެ.

މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމްއަކީ ރާއްޖޭގައި މެރިން ސައިންސް ދާއިރާއިން ކުރާ ދިރާސާތަކުގެ މަސައްކަތްތައް އެއްތަނަކުން ހިއްސާކުރެވޭ މައިގަނޑު ޕްލެޓްފޯމެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ ކުރީގެ ސިމްޕޯޒިއަމްތަކުގައި ލިބިފައިވާ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް، މި ހަވަނަ ސިމްޕޯޒިއަމްގައިވެސް ދިވެހިރާއްޖޭގެ ކަނޑުފަޅުގެ މާހައުލު ދެނެގަތުމަށާއި ބެލެހެއްޓުމަށް މުހިންމު މަޢުލޫމާތު އިތުރުވެގެންދާނެ ކަމަށެވެ. ފާއިތުވެ ދިޔަ ސިމްޕޯޒިއަމްތަކާއި އެއްގޮތަށް ދިރާސާކުރާ ފަރާތްތަކާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އަދި ޢަމަލީ މައިދާނުގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނެއްގައި ބައްދަލުވެ، ޚިޔާލު ބަދަލުކޮށް، މުހިންމު މަޢުލޫމާތު ތަކެއް ލިބި، މުހިންމު ކޮލާބޮރޭޝަންތަކަށް ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

މިއަހަރުގެ ސިމްޕޯޒިއަމްގައިވެސް ރާއްޖޭގެ ކަނޑުގެ ސައިންސްގެ ދާއިރާތަކުން ފުޅާދާއިރާއެއްގައި ކުރެވޭ ސައިންޓިފިކް ދިރާސާތަކުގެ ނަތީޖާތަކަށް ބިނާކޮށް އޯރަލް އަދި ޕޯސްޓަރުން ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

މި ސިމްޕޯޒިއަމްގެ މައުޟޫޢުތައް ކަނޑައެޅޭނީ ހުށަހެޅޭ އެބްސްޓްރެކްޓްތަކަށް ބިނާކޮށެވެ. ކުރީ އަހަރުތަކާއި އެއްގޮތަށް މިސިމްޕޯޒިއަމްގައިވެސް އެބްސްޓްރެކްޓް އަދި ޕްރެސެންޓޭޝަން ހުށަހެޅުމާއި، ސިމްޕޯޒިއަމްގައި ބައިވެރިވުމަށް ފީއެއް ނުނެގޭނެއެވެ. އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވިގެންދާނީ 2025، އޯގަސްޓް މަހުގެ ކުރީކޮޅުގައި ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު