Saturday, October 31
ރައީސްގެ ވަޢުދާއި އެއްގޮތަށް ބ އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށައިފި
ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 2 ގެ ބ. އަތޮޅަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެރީ ޚިދުމަތް މިއަދު ފަށައިިފިއެވެ. މިކަން ހާމަކުރައްވާ ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާން، ހީނާ ވަލީދު އެކްސްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އަހަރު ޖުލައި މަސް ނިމުމުގެ ކުރީން ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފައްޓަވާނެ ކަމަށް، 22 ޖެނުއަރީ 2025 ގައި ރ.އުނގޫފާރު ރައްޔިތުންނާ މުޚާޠަބު ކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ވިދާޅުވެފައިވާކަމަށެވެ. އަދި 26 ޖޫން 2025 ގައި އެކްސް މެދުވެރިކުރައްވައި ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައިވެސް ޖުލައިމަހު ބ. އަތޮޅުގައި މި ޚިދުމަތް ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމްޓީސީސީން ކުރިން ވިދާޅުވެފައިވަނީ އާރުޓީއެލް ފެރީ ޚިދުމަތް ފެށިގެންދިއުމާއެކު، ބ. އަތޮޅުގެ ރައްޔިތުންނަށް އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި، އަތޮޅުގައި ދަތުރުފަތުރުގެ އިންޤިލާބީ އާ ބާބެއް ފެށޭނެ ކަމަށެވެ. އެމްޓީސީސީން އިތުރަށް ބުނީ އޮގަސްޓު 4 އިން ފެށިގެން ޒޯން 2 ގެ ބ. އަތޮޅުގެ އާރުޓީއެލް ފެރީ ޚިދުމަތުން ފައިސާ ނަގަން ހަމަޖެހިފައިވާ ކަމަށާއި، އަގު ނަގައިގެން ޚިދުމަތް ދޭން ފެށުމާއެކު ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓައިލެވޭނެ ކަމަށެވެ.އަދި، އެ ދުވަހުން ފެށިގެން ޓިކެޓު ނެގުމަށް ބޭނުންކުރާނީ އެމްޓީސީސީން އެކަމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓު ނުވަތަ އާރުޓީއެލް ޓްރެވަލް އެޕް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އެމްޓީސީސީން ބުނީ ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ދޭން ފެށުނު ކަމުގައިވިޔަސް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. އާރުޓީއެލް ފެރިތަކަކީ ޖުމުލަ 50 ފަސިންޖަރުންނަށް އަރާމުކަމާއެކު ދަތުރުކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. އަދި އާރުޓީއެލް އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންނަކީ މި މަސައްކަތަށް ބޭނުންވާ ޚާއްޞަ ތަމްރީންތައް ފުރިހަމަކޮށްފައިވާ މުވައްޒަފުންނެވެ. މި އުޅަނދުތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާ ވީލްޗެއަރގެ ޖާގައާއި ސްޓްރެޗާ ޖާގަވެސް ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ ބ. އަތޮޅުގެ އާރުޓީއެލް ފެރީ ޚިދުމަތް ހަފުތާއަކު ހަ ދުވަހު ދެ ފެރީ މެދުވެރިކޮށް ތިން ރޫޓަކުން ލިބޭނެ ކަމަށެވެ. ބ. އަތޮޅުގެ އިތުރުންވެސް އެމްޓީސީސީން އަންނަނީ ޒޯން 1 ގެ ހއ.، ހދ. އަދި ށ. އަތޮޅާއި، ޒޯން 2 ގެ ނ.، ރ.، އަދި ޅ. ގެ އިތުރުން ޒޯން 6 ގެ ޏ. އަދި ސ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ދެމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު