ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.ޢ.ޢ.ވ)، ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ހަސަން ޞާބިރަށާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފިއެވެ.
މި ތިން ބޭފުޅުންނަށް ޢިއްޒަތް އެރުވުން އޮތީ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛް މުޢުތަސިމް އަދުނާން
ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޝަރުޢީ ދާއިރާގެ ކަންކަން ހަރުދަނާކުރެއްވުމަށާއި، ރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށް މީހުން ބިނާކުރެއްވުމަށާއި، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޤާނޫނީ ލަފާދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.
އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޚާރިޖިއްޔާގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފުރަތަމަ ފެށްޓެވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާގައި ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުގައި އެކިއެކި ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ކަންތައްތަކުގައި، ޤާނޫނީގޮތުން ދެއްވަންޖެހޭ އެހީތެރިކަން ދެއްވުމާއި، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުޢާހަދާތަކުގައި ޚާރިޖިއްޔާއިން ކުރަންޖެހޭ މަސައްކަތްތައް ކުރައްވައި، ދެއްވަންޖެހޭ ލަފާ ދެއްވުމާއި، ބައިނަލްއަޤްވާމީ އެކިއެކި ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރެއްވުން ހިމެނެއެވެ. އެ މަނިކުފާނަކީ، ޝަރީޢަތާއި ޤާނޫނީ ދާއިރާއިން މީހުން ބިނާކުރެއްވުމަށްވެސް މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި އެ މަނިކުފާނު ހޭދަކުރެއްވި މުއްދަތުގައި ފަނޑިޔާރުގޭގެ ޢަދުލު އިންޞާފުގެ ކަންކަން އިހަށްވުރެ ހާމަކަންބޮޑު ގޮތެއްގައި ކުރިއަށްގެންދެވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ފެށްޓެވިއެވެ. މީގެއިތުރުންވެސް، ފަނޑިޔާރުގޭގެ ގިނަ ޚިދުމަތްތަކަކަށް ޒަމާނީ ކުރިއެރުންތަކެއް އެ މަނިކުފާނު ވަނީ ހޯއްދަވައި ދެއްވައިފައެވެ. އެ މަނިކުފާނަކީ، ޤާނޫނީ ޙުކޫމަތު ނެގެހެއްޓެވުމަށްޓަކައި ވަރުބަލިފުޅުކަމެއްނެތި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. އެ މަނިކުފާނަކީ ފަނޑިޔާރުންގެ ޤާބިލުކަން އިތުރުކުރެއްވުމަށްވެސް ވަރަށްބޮޑު އިސްކަމެއް ދެއްވި ބޭފުޅެކެވެ.
އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުން ރިޓަޔަރ ކުރެއްވީ، މި ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. ރިޓަޔަރ ކުރެއްވިއިރު، ޚާރިޖީ ދާއިރާގައި 10 އަހަރު، ފެކަލްޓީ އޮފް ލޯގެ ޑީން ކަމުގައި 4 އަހަރާއި 6 މަސް ދުވަހު، ފަނޑިޔާރުކަމުގައި 9 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. އަދި މިއާއެކުގައި ޤާނޫނީ ދާއިރާއަށް 33 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައިފައިވެއެވެ.

ހަސަން ޞާބިރު، ގ. ފިޔާތޮށިގެ
ޙަސަން ޞާބިރު ފާހަގަވެގެންދަނީ، ދިވެހި ޤައުމުގެ އިޤުތިޞާދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެ ދާއިރާތަކުގެ ތެރޭގައި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެއެވެ. އަދި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ޚާރިޖީ ދާއިރާގައި އެ މަނިކުފާނު ކުރައްވައިފައިވާ އަގުހުރި ޚިދުމަތްތަކާއި، މިހާރުވެސް އެ ދާއިރާގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކޮށްލަން ޖެހެއެވެ.
ޙަސަން ޞާބިރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 7 ފެބުރުވަރީ 1973 ގައެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، ނޭޝަނަލް ޕްލޭނިންގ އޭޖެންސީގައި ކުރެއްވި މަސައްކަތެވެ. ނޭޝަނަލް ޕްލޭނިންގ އޭޖެންސީ އުވައިލައްވައި، 10 ނޮވެންބަރު 1982 ގައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް އުފެއްދެވުމާ ގުޅިގެން، އެ މިނިސްޓްރީގެ ތަފާތު މަގާމުތައް ޙަސަން ޞާބިރު ފުރުއްވިއެވެ.
1993 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހު، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރިޔާސީ 4ވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު އެކުލަވައިލެއްވި ކެބިނެޓުގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަގާމަށް ޢައްޔަން ކުރެއްވީ، ޙަސަން ޞާބިރެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި އެ މަނިކުފާނު ކޮށްދެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށްލަން ޖެހެއެވެ. ރައީސް މައުމޫންގެ ރިޔާސީ 5 ވަނަ ދައުރުގެ ކެބިނެޓުގައިވެސް ޙަސަން ޞާބިރު ހިމަނުއްވައި، ޓޫރިޒަމް މިނިސްޓަރަކަށް ޢައްޔަން ކުރެއްވިއެވެ.
ޙަސަން ޞާބިރުގެ ޚިދުމަތް، އޭގެފަހުން ފެނިގެންދިޔައީ، ރާއްޖޭގެ ޚާރިޖީ ދާއިރާއިންނެވެ. އެގޮތުން އެ މަނިކުފާނު އަދާކުރެއްވި ބައެއް މަޤާމުތަކުގެ ތެރޭގައި، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމާއި، ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމާއި، ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމުވެސް ޞާބިރު ފުރުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައިވެސް ޙަސަން ޞާބިރަކީ، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރެވެ. ޙަސަން ޞާބިރު، ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއެވެ.
ނިޝާން މުލީގެ އިއްޒަތް ލިބިވަޑަިއގެންފައިވާ ޤާސިމް އިބްރާހިމް
ޤާސިމް އިބްރާހީމް އަބަދުވެސް މަސައްކަތް ކުރައްވަނީ، ކުރައްވާ ކޮންމެ ކަމެއްގައިވެސް އެންމެ ކުރިއަށް ވަޑައިގަތުމަށެވެ. އުމުރުފުޅުން 26 އަހަރުގައި އަމިއްލަފުޅު ގޯތި، ބޭންކުގައި މޯގޭޖް ކުރައްވައި، -/15,000 (ފަނަރަހާސް) ރުފިޔާގެ ލޯނެއް ނަންގަވައިގެން، ތ. އަތޮޅުފިހާރައިގެ ހުޅަނގު ބައިގައި 1976ވަނަ އަހަރުގެ ތެރޭގައި، ޤާސިމްގެ ވިޔަފާރީގެ ބިންގާ އެޅުއްވިއެވެ. އެހިސާބުން ފެށިގެން ފަސްޖެހިވަޑައިގަތުމެއްނެތި، ވިޔަފާރީގައި ކުރިއަށް ވަޑައިގެންނެވީއެވެ.
ޤާސިމް އިބްރާހީމަކީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ގޮތުން ދިވެހި އެތައް ރައްޔިތުންނަކަށް ބޭސްފަރުވާ ކޮށްދެއްވުމުގައިވެސް ކުރީ ސަފުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިއަދު ޤާސިމް އިބްރާހީމަކީ، ރާއްޖޭގެ ރިޒޯޓް އޯނަރުންގެ ތެރެއިންވެސް ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޤާސިމް އިބްރާހީމަކީ، ދިވެހި ވިޔަފާރިވެރިންގެ ޖަމުޢިއްޔާގައިވެސް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ޤާސިމް ކޮށްދެއްވައިފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަކީވެސް ވަރަށް އަގުހުރި ޚިދުމަތްތަކެކެވެ.
ޤާސިމް އިބްރާހީމަކީ، ދައުލަތުގެ އިސް މަގާމުތަކެއްވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ. ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ ކެބިނެޓުގައި ފިނޭންސް އެންޑް ޓްރެޜަރީ މިނިސްޓަރުކަން އަދި ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އޭރު އެ މަނިކުފާނު ހުންނެވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމުގައިވެސް މެއެވެ. މީގެއިތުރުން، މަގާމުގެ ހައިސިއްޔަތުން ވާރލްޑް ބޭންކާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާ ގަވަރުނަރު ކަމުގެ މަގާމުވެސް ޤާސިމް އިބްރާހީމް ވަނީ ފުރުއްވައިފައެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް ޤާސިމް ކޮށްދެއްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީވެސް ހަނދާންކޮށްލަންޖެހޭ މަސައްކަތްޕުޅުތަކެކެވެ. ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ އިޞްލާޙީ އެޖެންޑާގެ ދަށުން ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފެށްޓެވިއިރު، ޤާސިމަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް ޝަރަފަކީ، ޚާއްޞަ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމެވެ. ރާއްޖޭގައި މިހާރު ޢަމަލުކުރަމުން ގެންދާ ޤާނޫނުއަސާސީ އެކުލަވައި ނިންމެވީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރިޔާސަތުގައި ޤާސިމް އިބްރާހީމް އިންނަވައިގެންނެވެ.
ޤާސިމް އިބްރާހީމަށް 2013ވަނަ އަހަރު، ދިވެހި ދައުލަތުން ވަނީ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ.) އަރުވައިފައެވެ. ޤާސިމް އިބްރާހީމަށް ލިބިވަޑައިގެންފައިވާ ޤައުމީ ޚިދުމަތުގެ އިނާމުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގައި ވިޔަފާރި ކުރިއެރުވުމުގެ ރޮނގުން 1988ވަނަ އަހަރު ދެއްވި ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ޓޫރިޒަމްގެ ރޮނގުން 1995ވަނަ އަހަރު ދެއްވި ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން 2007ވަނަ އަހަރު ދެއްވި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން