Saturday, October 31
ހުޅަނގު އައްސޭރީގެ ބިންތަކުގެ މައްޗަށް އިޒްރޭލުގެ ސިޔާދަތީ ބާރު ތަންފީޒުކުރުމަށް ނިންމި ނިންމުން ރާއްޖެއިން ކުށްވެރިކޮށްފި

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގެ މައްޗަށް އިޒްރޭލުގެ ސިޔާދަތީ ބާރު ތަންފީޒުކުރުމަށް އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ނިންމި މި ނިންމުމަކީ، ބައިނަލްއަޤްވާމީ ޤާނޫނާ މުޅިން ހިލާފު އަދި ނުރައްކާތެރި ނިންމުމެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ. އަދި މި ފަދަ ނިންމުންތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅި މަސްރަހު އިތުރަށް ހޫނުވެ އަދި އެ ސަރަޙައްދުގައި ސުލްޙަވެރި ޙައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކަށް އިތުރު ނޭދެވޭ އަސަރުކުރާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުން ވަނީ އިޒްރޭލުން ކުރަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލަށް މަޖުބޫރުކުރުވުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ބާރުއެޅުމަށާއި، ސަރަހައްދުގެ މަޞްލަހަތު އިތުރަށް ގޯސްވިޔަނުދިނުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައިފައެވެ.

"މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކެން"، އެ ބަޔާނުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު