Saturday, October 31
ބީއެމްއެލް އިން އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެ ގޮތް ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވުމުގެ މަގު ތަނަވަސްކޮށް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރި އާއި އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާކޮށްފިއެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފު ވިދާޅުވީ ބީއެމްއެލްގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވަން ފެށުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.

"މީގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވިޔަފާރި އާއި އިންވެސްޓްމެންޓްގެ އައު ފުރުސަތުތަކާއި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުގައި ވެސް ފަސޭހަތަކެއް ލިބިގެންދާނެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ސަމާލުކަންދީ، ބޭންކިންގ ދާއިރާ އާ ހަރުފަތްތަކަށް ގެންދިޔުމުގައި އަޅުގަނޑުމެން ދެމިތިބޭނަން"، ޝަރީފު ވިދާޅުވިއެވެ.

"2024 ވަނަ އަހަރު އޮކްޓޫބަރު މަހު އަޅުގަނޑުމެން ވާނީ ބީއެމްއެލްގެ އޭޓީއެމް އަދި ޕީއޯއެސް ޓަރމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަމަޖައްސާފައި. އަދި ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާއެކު ރުޕޭ ކާޑު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ އުފާވެރި ޚަބަރު އަޅުގަނޑު ދޭން ބޭނުން. އަޅުގަނޑުމެންގެ އުއްމީދަކީ މި މަރުހަލާތައް މިއަހަރުގެ ނިޔަލަށް ނިމިގެންދިޔުން. މި މަރުހަލާތައް ނިމުމުން އަމިއްލަ ފަރާތްތަކުންނާއި ވިޔަފާރިތަކުން ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް އިންޑިއާގެ ރުޕީސް އިން ފައިސާ ދެއްކުމަށް މަގު ފަހިވެގެންދާނެ"، ޝަރީފު ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނީ 1 އޮގަސްޓުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންނަށް، ދިވެހިންނާއި ވިޔަފާރިތަކާއި ބިދޭސީންވެސް ހިމެނޭ ގޮތަށް، ބީއެމްއެލް މޯބައިލް ބޭންކިންގ ބޭނުންކޮށްގެން އޮންލައިންކޮށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެ ކަމަށާއި، މި އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭނީ ބީއެމްއެލް ބްރާންޗްތަކުން ކަމަށެވެ.

މިގޮތުން އިންޑިއަން ރުޕީ 500 ގެ ނޫޓުން ފެށިގެން މަތީ އަދަދުގެ ނޫޓްތައް ޖަމާކުރެވޭނެ ކަމަށާއި، އިންޑިއާ އިން ރެމިޓެންސްގެ ގޮތުގައި ގެންނަ ފައިސާ މިގޮތަށް ހުޅުވާ އިންޑިއަން ރުޕީ އެކައުންޓަށް ޖަމާކުރެވޭނެ ކަމަށާއި، އިންޑިއާ އަށް ފައިސާ ފޮނުވުމުގައިވެސް މި އެކައުންޓް ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު