ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 2 ގެ ބ. އަތޮޅަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެރީ ޚިދުމަތް ޖުލައި 28 ވަނަ ދުވަހު ފަށަން ހަމަޖެހިއްޖެއެވެ.
އެމްޓީސީސީން ބުނީ އާރުޓީއެލް ފެރީ ޚިދުމަތް ފެށިގެންދިއުމާއެކު، ބ. އަތޮޅުގެ ރައްޔިތުންނަށް އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި، އަތޮޅުގައި ދަތުރުފަތުރުގެ އިންޤިލާބީ އާ ބާބެއް ފެށޭނެ ކަމަށެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ ޖުލައި 28 އިން އޮގަސްޓު 3 ގެ ނިޔަލަށް އެއް ހަފުތާގެ މުއްދަތަށް އާރުޓީއެލް ފެރީ ދަތުރުތައް ކޮށްދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލޭ ކަމަށާއި، މި މުއްދަތުގައި ދަތުރުކުރުމަށް ޖާގަ ހޯދުމަށް ގުޅާނީ އެ ރަށެއްގެ ރަށު ކައުންސިލަށް ކަމަށެވެ. އަދި، ހިލޭ ދަތުރުކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤުޞަދަކީ ކަސްޓަމަރުން ފެރީ ތާވަލަށް އަހުލުވެރިކޮށް، މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމާއެކު، ކަސްޓަމަރުންގެ ޚިޔާލާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުން ކަމުގައި އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން އިތުރަށް ބުނީ އޮގަސްޓު 4 އިން ފެށިގެން ޒޯން 2 ގެ ބ. އަތޮޅުގެ އާރުޓީއެލް ފެރީ ޚިދުމަތުން ފައިސާ ނަގަން ހަމަޖެހިފައިވާ ކަމަށާއި، އަގު ނަގައިގެން ޚިދުމަތް ދޭން ފެށުމާއެކު ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓައިލެވޭނެ ކަމަށެވެ.
އަދި، އެ ދުވަހުން ފެށިގެން ޓިކެޓު ނެގުމަށް ބޭނުންކުރާނީ އެމްޓީސީސީން އެކަމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓު ނުވަތަ އާރުޓީއެލް ޓްރެވަލް އެޕް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީން ބުނީ ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ދޭން ފެށުނު ކަމުގައިވިޔަސް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.
އާރުޓީއެލް ފެރިތަކަކީ ޖުމުލަ 50 ފަސިންޖަރުންނަށް އަރާމުކަމާއެކު ދަތުރުކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. އަދި އާރުޓީއެލް އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންނަކީ މި މަސައްކަތަށް ބޭނުންވާ ޚާއްޞަ ތަމްރީންތައް ފުރިހަމަކޮށްފައިވާ މުވައްޒަފުންނެވެ. މި އުޅަނދުތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާ ވީލްޗެއަރގެ ޖާގައާއި ސްޓްރެޗާ ޖާގަވެސް ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ ބ. އަތޮޅުގެ އާރުޓީއެލް ފެރީ ޚިދުމަތް ހަފުތާއަކު ހަ ދުވަހު ދެ ފެރީ މެދުވެރިކޮށް ތިން ރޫޓަކުން ލިބޭނެ ކަމަށެވެ.
ބ. އަތޮޅުގެ އިތުރުންވެސް އެމްޓީސީސީން އަންނަނީ ޒޯން 1 ގެ ހއ.، ހދ. އަދި ށ. އަތޮޅާއި، ޒޯން 2 ގެ ނ.، ރ.، އަދި ޅ. ގެ އިތުރުން ޒޯން 6 ގެ ޏ. އަދި ސ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ދެމުންނެވެ.
މި ލިޔުން ކިޔާލުމުން