މިނިވަން ދުވަސް އަދި މިނިވަން ދުވަހާ ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި މާލެ ސަަރަހައްދުގައި ހިމެނޭ އިމިގްރޭޝަންގެ އޮފީސްތަކުން ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާންމުކޮށްފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ޖުލައި 26 އިން 28 އާ ދެމެދުވެސް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތް އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.
ނަމަވެސް އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅޭނީ ޖުލައި 26 ވަނަ ދުވަހުގެ 09:00 އިން 12:00 އަށް، އަދި ޖުލައި 27 އާއި 28 ވަނަ ދުވަހުގެ 08:30 އިން 14:00 އަށެވެ. މި ޚިދުމަތް ލިބޭނީ ހަމައެކަނި ކުއްލި ހާލަތްތަކުގައި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށް އެ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ވަނަ ދުވަހު 09:00 އިން 12:00 އަށް އަދި ޖުލައި 27 އާއި 28 ވަނަ ދުވަހުގެ 08:30 އިން 14:00 އަށެވެ. އިމިގްރޭޝަނުން ބުނީ ކިޔުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އެ އިދާރާއަށް ހާޒިރުވެ ނަންބަރު ނެގޭނެ ކަމަށެވެ.
މީގެ އިތުރުން، މެޑިކަލް އެމަރޖެންސީ ހާލަތްތަކުގައި ގުޅާނީ 9555333 އަށް ކަމަށްވެސް އިމިގްރޭޝަނުން ހާމަކުރެއެވެ.
މި ދުވަސްތަކުގައި ޚިދުމަތްތައް ލިބޭނީ މާލެއާއި ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ އޮފީސްތަކުންނެވެ.
މި ލިޔުން ކިޔާލުމުން