އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުންތައް އިތުރު ހަރުފަތްތަކަކަށް ދާނެކަން ޔަޤީންކުރައްވާ ކަމުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް ނެރުއްވި ނޫސްބަޔާނެއްގައި ވަނީ ޖުލައި 25 ވަނަ ދުވަހު ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ އިންޑިއާގެ ބޮޑުވަޒީރަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބޮޑުވަޒީރު މޯދީއަށް ރާއްޖެ ވަޑައިގެންނެވުމަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ރައީސް ޞާލިޙް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށްވެސް މަރުޙަބާ ދަންނަވައިފައެވެ.
ރައީސް ޞާލިޙްގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު ދެމިއޮތް ވަރުގަދަ ގުޅުމުގެ ހެއްކެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް، ގޮންޖެހުން ބޮޑު މި ދުވަސްވަރުގައި މިފަދަ މަތީ ފެންވަރުގެ ދަތުރެއް ކުރިއަށްދާކަމކީ އިންޑިއާއިން ދިވެހި ރައްޔިތުންނަށް ކުރާ އިޙްތިރާމް ހާމަކޮށްދޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ސިޔާސީ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، އިންޑިއާ އަކީ ރާއްޖެއަށް އިތުބާރު ކުރެވޭ އެކުވެރިއެއްކަން ކަށަވަރުކޮށްދޭ ކަމުގައިވެސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ ބަޔާން ނިންމަވާލައްވަމުން ވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުންތައް އިތުރަށް ކުރިއަރައި ދެމިއޮތުމަށް އެދިވަޑައިގެންފައެވެ.
މި ލިޔުން ކިޔާލުމުން