Saturday, October 31
4،000 ފުލެޓު: މަހުގެ 10ގެ ކުރިން ކުލި ދައްކައިފިނަމަ ‎100%‎ ގެ ސަބްސިޑީގެ މަންފާ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4،000 ހައުސިންގ ޔުނިޓުތަކުގެ ކުލި ކޮންމެ މަހެއްގެ 10 ގެ ކުރިން ދައްކާ ފަރާތްތަކަށް 100 އިންސައްތައިގެ ސަބްސިޑީގެ މަންފާއެއް ލިބިގެންދާނެ ކަމުގައި އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެފްޑީސީން ހާމަކޮށްފައިވާ ގޮތުގައި މި ހައުސިންގ ޔުނިޓުތަކުގެ އެއްބަސްވުންތަކަކީ ޝަރީޢާގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ އެއްބަސްވުންތަކެއް ކަމަށްވާތީ، މި އެއްބަސްވުންތަކުގެ ދަށުން ދައްކަންޖެހޭ މަހު ކުއްޔާއި މެއިންޓަނަންސް ފީ އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކައިފިނަމަ، އެ ފަރާތަކަށް 100 އިންސައްތައިގެ ސަބްސިޑީގެ މަންފާ ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، މަހުގެ 16 ވަނަ ދުވަހު ކުރިން ކުއްލި ދައްކައިފިނަމަ %75، 21 ގެ ކުރިން ކުއްލި ދައްކައިފިނަމަ %50 އަދި 26 ގެ ކުރިން ކުލި ދައްކާނަމަ %25 ގެ ސަބްސިޑީގެ މަންފާ ލިބޭނެ ކަމަށްވެސް އެފްޑީސީން ވަނީ ބުނެފައެވެ.

އަދި މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެ މަހެއްގެ މަހުކުލި ދައްކާނަމަ ސަބްސިޑީގެ މަންފާ ނުލިބޭނެ ކަމުގައިވެސް އެފްޑީސީން ބުނެއެވެ. އެފްޑީސީން އިތުރަށް ބުނީ އެއްބަސްވުމުގެ ދަށުން މަހު ކުއްޔާއި ސަބްސިޑީ މަހުގެ ނިޔަލަށް ނުދައްކައިފިނަމަ، އެ ފައިސާ ދެއްކުމަށް އެދި އެފްޑީސީން ކުއްޔަށް ހިފާ ފަރާތަށް ލިޔުމުން 30 ދުވަހުގެ ނޯޓިހެއް ފޮނުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށެވެ.

4،000 ފުލެޓު ލިބުނު ފަރާތްތަކަށް ފުލެޓު ހަވާލުކުރާނީ އެޑްވާންސް ޕޭމަންޓް ދެއްކުމުންނެވެ. މިގޮތުން ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 15،000ރ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓެއްނަމަ 25،000ރ. ދައްކަންޖެހޭނެއެވެ.

އެފްޑީސީން އިމާރާތްކޮށްފައިވާ ދެ ކޮޓަރީގެ އެޕާޓްމަންޓަށް މަހު ކުލީގެ ގޮތުގައި 7،000ރ. އާއި މެއިންޓަނަންސް ފީގެ ގޮތުގައި 1،000ރ. އާއެކު މަހަކު ޖުމުލަ 8،000ރ. ދައްކަންޖެހޭނެއެވެ. މީގެ އިތުރުން ތިން ކޮޓަރީގެ އެޕާޓްމަންޓަށް މަހު ކުލީގެ ގޮތުގައި 9،000ރ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1،500ރ. އާއެކު މަހަކު ޖުމުލަ 10،500ރ. ދައްކަންޖެހޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު