އާދިއްތަ, November 8
ސާފު ނަލަ މާލެ ކެމްޕެއިންގެ އެމްބެސެޑަރަކަށް ޓޫ އޮފް އަސް

މާލެ ސިޓީ، ސާފު ތާހިރު ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް، މާލޭ ސިޓީ ކައުންސިލުން ފަށާފައިވާ "ސާފު ނަލަ މާލެ" ކެމްޕެއިންގެ އެމްބެސެޑަރަކަށް، ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް "ޓޫ އޮފް އަސް" ހަމަޖައްސައިފިއެވެ.

"ސާފު ނަލަ މާލެ" ކެމްޕެއިންގެ އެމްބެސެޑަރަކަށް "ޓޫ އޮފް އަސް" ބޭންޑް ހަމަޖެއްސުމަށް ފަހު، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، "ޓޫ އޮފް އަސް" ބޭންޑުގެ ޖޯޝާއި، ފޯރިއާއި އުފެއްދުންތެރިކަމާއި، އަދި އެ ބޭންޑުގެ ނުފޫޒުން، މާލެ ސިޓީއަކީ ސާފު ތާހިރު ނަލަ ސިޓީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި، ޒިއްމާދާރުކަމާއެކު، ރައްޔިތުން ބައިވެރިވެ، މާލެ ސިޓީ އަކީ، ސާފު، ނަލަ މާލެއަކަށް ހެދުމަށް ކުރަމުންދާ ތައްޞައްވުރު ޙަޤީޤަތަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.

މޭޔަރު ވިދާޅުވީ، "ސާފު ނަލަ މާލެ" ކެމްޕެއިންގެ އެމްބެސެޑަރަކަށް ވުމަށް މާލެ ސިޓީ ކައުންސިލުން ދިންވި ދަޢުވަތު ގަބޫލް ކުރެއްވި ކަމަށް ޓަކައި "ޓޫ އޮފް އަސް" ބޭންޑަށް ޝުކުރު ދަންނަވާ ކަމަށާއި، މި ބޭންޑާއެކު މި ޕްރޮގްރާމް އިތުރަށް ކުރިއަރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ސާފު ނަލަ މާލެ" ކެމްޕެއިންގެ ދަށުން މާލޭ ސިޓީ ކައުންސިލުން ދަނީ، މާލެ ސިޓީގެ ސާފުތާހިރުކަމާއި މާހައުލުގެ ރައްކާތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންނެވެ. މި މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ ރައްޔިތުންގެ ބައިވެރިވުން ހޯދުމެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ރީތިކޮށް ސާފުކޮށް ބޭއްވުމަކީ، ހަމައެކަނި ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މި މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ޓޫ އޮފް އަސްއަކީ ރާއްޖެއާއި ބޭރުގެ މިއުޒިކާއެކު ލަވަތައް ހުށަހަޅައިދޭ ފިއުޝަން ބޭންޑެކެވެ. މި ބޭންޑުން ވަނީ، މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕްކަން ކާމިޔާބުކޮށްފައެވެ.

"ޓޫ އޮފް އަސް"ގެ ފަސް މެންބަރުންނަކީ، އަހުމަދު އަދުހަމް، އަބްދުﷲ ޝަމްރޫހް، މުހައްމަދު ނަސޫހު ބިން ނަސްރުއްދީން، އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) އަދި އަހުމަދު ޖަޝީމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު