ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "އެމް.އެން.ޔޫ އިނޮވޭޓިވް ހަބް" ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިހާރު މުއްދަތު އިތުރުކޮށްފައިވަނީ 10 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ ނިޔަލަށެވެ.
"އެމް.އެން.ޔޫ އިނޮވޭޓިވް ހަބް" އަކީ އުފެއްދުންތެރި ވިޔާފަރި ފެށުމަށް ޝައުގުވެރިވާ އެމް.އެން.ޔޫގެ ދަރިވަރުންނަށް ބައިވެރިވުމަށް ޖުޅުވާލެވިފައިވާ ފުރުޞަތެކެވެ. މި "އިނޮވޭޓީވް ހަބް" ތަޢާރަފްކުރުމުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ އުފެއްދުންތެރި ޚިޔާލުތަށް ދެމެހެއްޓެނިވި، ކާމިޔާބު ވިޔަފާރިއަކަށް ބައްޓަންކޮށްދިނުމުގައި އެހީތެރިވެދިނުން ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.
"އިނޮވޭޓިވް ހަބް" މެދުވެރިކޮށް "ސީޑް ކެޕިޓަލް" ގެ ނަމުގައި ތިން ގިންތިއަކަށް ބަހައިލާގެން، 50،000 އާއި 500،000 ރުފިޔާއާއި ދެމެދުގެ މާލީއެހީއެއް ފޯރުކޮއްދެވޭނެއެވެ.
• އެންމެ ކުޑަމިންވަރު-50،000 ރުފިޔާ
• މެދު މިންވަރު-225،000 ރުފިޔާ
• މަތީ މިންވަރު-500،000 ރުފިޔާ
މި "އިނޮވޭޓިވް ހަބް"ގެ އެންމެ ފުރުތަމަ މަރުޙަލާގައި އެންމެ ގިނަވެގެން ހޮވުމަށް ހަމަޖެހިފައިވަނީ 10 ދަރިވަރުންނެވެ. މި މަރުޙަލާގައި، ދަރިވަރުންނަށް ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން އިރުޝާދު ލިބިގެންދިޔުމާއެކު، އެމްއެންޔޫގެ ވަޞީލަތްތަށް ބޭނުންކުރުމުގެ ފުރުޞަތު ވެސް ލިގެންދާނެއެވެ. ނަމަވެސް، މި މަރުޙަލާގައި ދަރިވަރުނަށް ދޫކުރެވޭނީ މާލީ އެހީގެ 20-50 އިންސައްތައެވެ. އެގޮތުން، ޕޮރޮޓޯޓައިޕް ޑިވެލޮޕްކުރުމާއި މާކެޓިކްނގ ރިސާޗް ހެދުން ފަދަ މަސައްކަތްތަކަށް ބަލައި ދަރިވަރުންނަށް ފައިސާ ދޫކުރެވެމުން ދާނެއެވެ.
އެމްއެންޔޫގެ "އިނޮވޭޓިވް ހަބް"ގެ ފަރާތުން ބޮޑަށް އިސްކަން ދެއްވާނީ އުފެއްދުންތެރި އަދި އީޖާދީ ޚިޔާލުތަކުގެ ގޮތުގައި ހުށައަޅާ ޕްރޮޖެކްޓް ޕްރޮޕޯސަލްތަކަށެވެ.
މި ލިޔުން ކިޔާލުމުން