އާދިއްތަ, November 8
ރޭގެ އެކްސިޑެންޓުގައި ނިޔާވި ޒުވާނާގެ ޢާއިލާއަށް ރައީސްގެ ތައުޒިޔާ

ރޭ މާފަންނު ބަސް ޓާމިނަލް ކައިރީގައި ނުރައްކާތެރި އެކްސްޑެންޓެއް ހިނގާ، ޒަޚަމްތަކަށް ފަރުވަދެމުން ދަނިކޮށް ނިޔާވި ޢުމުރުން 17 އަހަރުގެ ޒުވާނާގެ ޢާއިލާއަށް، ރައީސްލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށާއި، ނިޔާވި ޅަ ޒުވާން ކުއްޖާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރައްވާ ކަމަށެވެ.

މީގެ އިތުރުން، އެކްސިޑެންޓުގައި އަނިޔާވެ، ފަރުވާ ހޯދަމުންދާ ދެ ފަރާތަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރައްވާފައި ވެއެވެ.

ނުރައްކާތެރި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް އިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ. އެވަގުތު އެ ސަރަޙައްދުން ދަތުުކުރި ޕިކަޕެއްގައި ވެސް ޖެހުނެވެ.

ރޭގެ އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. އެއީ ނިޔާވި 17 އަހަރުގެ ޒުވާނާގެ އިތުރުން 16 އަހަރުގެ ކުއްޖަކާ 40 އަހަރުގެ މީހެކެވެ. އަނެއް ދެ މީހުންގެ ހާލު ވެސް ވަރަށް ދެރަ ކަމަށް ފުލުހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު