Tuesday, November 3
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މަޢުލޫމާތު އާއްމުކުރާ ޕޯޓަލް އަލުން ތަރައްގީ ކުރަނީ
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ޢާންމުކުރުމުގައި ފަންނީ އެހީތެރިކަން ދިނުމާބެހޭ އެއްބަސްވުމެއްގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު ސޮއިކޮށްފިއެވެ. އާއިލީ ތަރައްގީއާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހީމް އިސްމާޢީލް ޢަލީއެވެ. އަދި ޕީޖީ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު މުޙައްމަދެވެ. ޕީޖީ އޮފީހުން ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 57 ވަނަ މާއްދާގެ ދަށުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ފުރިހަމަ މަޢުލޫމާތު އިންޓަރނެޓް މެދުވެރިކޮށް ފަސޭހައިން ބެލޭނެގޮތަށް ބަހައްޓަން ޖެހޭ ކަމަށެވެ. އަދި އެކަން މަތިކޮށްފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ ކަމަށާއި އެ ކަމުގައި އެހީތެރިކަން ޕީޖީ އޮފީހުން ފޯރުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. ޖިންސީ ގޯނާކުރާ މީހުންގެ މަޢުލޫމާތު އާންމުކުރާ ޕޯޓަލް އަލުން ފަރުމާކުރުމުގެ މަޤްޞަދަކީ ދަފްތަރު ހަރުދަނާކޮށް، އެފަރާތްތަކުގެ ފުރިހަމަ މަޢުލޫމާތު ޢާންމުކޮށް ފަސޭހައިން ބެލޭނެ ގޮތެއް ޤާއިމުކުރުމާއި، މޯބައިލް ޑިވައިސްގެ ޒަރީއާއިން އެފަދަ ކުށްކޮށްފައި މީހުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބޭނުންކޮށްގެން ފަސޭހަކަމާއެކު އެމީހުން ދެނެގަނެވޭނެ ނިޒާމެއް ޤާޢިމުކުރުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ. މިދަފްތަރުގައި ހިމެނޭނީ ކުޑަކުދިންނަށް ޖިންސީ ގޯނާ އެއްވެސް މިންވަރަކަށް އެއްވެސް ޙާލަތެއްގައި ކުރި މީހެއްކަން ކޯޓަށް ސާބިތުވެ އެމީހެއްގެ މައްޗަށް ޙުކުމް ކޮށްފައިވާ ތިބި މީހުންގެ މަޢުލޫމާތެވެ. މިހާރު މި މަޢުލޫމާތު ޝާއިޢުކުރަމުން އާއިލީ ތަރައްގީއާބެހޭ ވުޒާރާއާ ގުޅިގެން ޕީޖީ އޮފީހުގެ "އާމަހި" ވެބްސައިޓުގައެވެ. ނަމަވެސް މިއަދު ސޮއިކުރެވުނު ފަހުމްނާމާގެ ދަށުން އާއިލީ ތަރައްގީއާބެހޭ ވުޒާރާއިން، އަޕްޑޭޓްކުރެވޭގޮތަށް ޕޯޓަލް ތަރައްޤީކުރާނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ، މި މަސައްކަތް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި، ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފްތަރު މިހާރަށްވުރެ ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް ޝާއިޢުކުރެވޭނެ ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު