އާދިއްތަ, November 8
ފިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރާތީ ސަމާލުވާން އެދިއްޖެ

ފިޝިން ލިންކުތަކެއް މެދުވެރިކޮށް ޓެލެގްރާމް ހެކް ކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ފޮޓޯތަކެއް ހުރިކަމަށް ބުނެ ޓެލެގްރާމުން ފޮނުވާ ފިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި ލިންކުތައް ފޮނުވަނީ ކޮންމެވެސް ގޮތަކުން ދަންނަ އަދި އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކު ކަމަށްވެސް ވިދާޅުވިއެވެ.

މި މެސެޖުގައިވާ ލިންކަށް ވަނުމުން ފޯން ނަންބަރު ޖަހަން އަރާ ކަމަށާއި ފޯނު ނަންބަރު ޖެހުމުން އަންނަ އޯޓީޕީވެސް ހިއްސާ ކުރުމަށް އަރާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތަށް އަމަލުކުރުމުން އެ މީހެއްގެ ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިގޮތަށް ޓެލެގްރާމް އެކައުންޓުތައް ހެކް ކުރުމަށްފަހު ޓެލެގްރާމް އެކައުންޓުގެ ވެރިފަރާތުގެ ނަމުގައި އެހެން މީހުންނަށް ސްކޭމް ފިޝިންގ ލިންކު ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފިޝިން ލިންކެއް މެދުވެރިކޮށް ޓެލެގްރާމް ހެކް ކޮށްފިނަމަ ޓެލެގްރާމް އެޕްލިކޭޝަން އަންއިންސްޓޯލްކުރުމަށް ފަހު އަލުން އިންސްޓޯލްކުރުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. އަދި ޓެލެގްރާމް އަލުން އެކްޓިވޭޓްކޮށް، ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓް ކުރުމަށްވެސް އިލްތިމާސްކުރައްވައެވެ.

ޓެލެގްރާމް އެކައުންޓު ރައްކާތެރިކުރުމަށްޓަކައި، ޓެލެގްރާމްގައި ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅުކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު