ރ. އަތޮޅުގެ ރިސޯޓަކުން ކެނޯއެއްގައި ކަނޑުމައްޗަށް ނުކުތް މީހާ ގެއްލިގެން ހޯދަމުންދަނިކޮށް ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ބުނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި ރ. އަތޮޅުގައި ހިންގާ ރިސޯޓަކުން ކެނޯއެއްގައި ނުކުތް، އެ ރިސޯޓުގެ މުވައްޒަފަކު ގެއްލިފައިވާ މައްސަލައެއް މިރޭ 8:43 ހާއިރު ހުށަހަޅާފައިވާ ކަމަށާއި އެއީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން ރޭ ފަހުން ފޮނުވި މެސެޖެއްގައި ބުނީ އެ މީހާ ރ. ދުވާފަރަށް ގޮސްފައިވާކަމުގެ މައުލޫމާތު މިރޭ 10:30 ހާއިރު ލިބިފައިވާ ކަމަށާއި އެ މީހާގެ ހާލު ރަނގަޅު ކަމަށެވެ.
އެ މީހާ ހޯދުމަށް ފުލުހުންނާއި ކައިރި ރިސޯޓުތަކުން ވެސް ވަނީ މަސައްކަތްކޮށްފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރަމުންދާ އިރު، މިއަދު ވަނީ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގައިފައެވެ. އެގޮތުން ލ. ހިތަދޫން ދަތުރުކުރަމުންދިޔަ ބޯޓެއް ދިޔަވެފައިވާ އިރު، ގދ. ގަމުން ޑިންގީއެއްގައި ދަތުރުކުރަމުންދިޔަ 75 އަހަރުގެ މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން