އާދިއްތަ, November 8
ސަހަރާތައް ހުސްކޮށް ޕާކާއި މައިޒާން ހެދުން ހުއްދައެއް ނޫން: ފަތުވާ މަޖިލިސް

މައިޒާނުތަކާއި ކުޅިވަރު ކުޅޭ ތަންތަން ހެދުމަށްޓަކައި މުސްލިމުންގެ ގަަބުރުސްތާނުތައް ހުސްކޮށް މިނިކަށި ނެގުން ހުއްދަނުވާނެ ކަމަަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ފަތުވާ ދީފިއެވެ.

ފާއިތުވި ޖޫން މަހުގެ 24 ވަނަ ދުވަހުގައި އެ މަޖިލީހުން ނެރުނު ފަތުވާގައި ބުނެފައިވަނީ އިސްލާމްދީނުގައި އިންސާނުން ގިނަ މަހުލޫގުންތަކެއްގެ މައްޗަަށް މާތްކުރައްވައި މަތިވެރިކުރައްވާފައިވކން އަލްއިސްރާ ސޫރަތުގެ 70 ވަނަ އާޔަތުން އެނގޭ ކަމަށެވެ. އަދި އިންސާނުންނަަށް މާތްﷲ ދެއްވި މި މަތިވެރިކަން މުސްލިމުންގެ މެދުގައި އެއްބަޔަކު އަނެއް ބަޔަކާ މުއާމަަލާތްކުރުމުގައި ދަމަހައްޓަން ނަބަވީ އިރުޝާދުގައި އަމުރުކުރައްވާފައިވާކަން އެ ފަތުވާގައި ފާހަގަކުރިއެވެ.

އަދި މުސްލިމުންނަށް ލިބިފައިވާ މި މަތިވެރިކަމަކީ އޭނާ ދިރިހުރުމާ ގުޅުންހުރި ކަމެއް ނޫންކަމަށާއި، މަރުވުމަށްފަހުވެސް އެ އިހުތިރާމު ދެމިއޮންނާނެ ކަމުގައި ފާހަގަކޮށް އެކަމުގެ މައްޗަށް ސަލާމާއި ޞަލަވާތް ލެއްވުނު މާތް ނަބިއްޔާގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅަކުން ދަލީލު ދައްކާފައިވެއެވެ.

އެއަށްފަހު ފަތުވާގައި ބުނެފައިވަނީ ގަބުރުސްތާނު ކޮނެ އެތަނުގައި ހުރި ކަށިތައް ނަގައި އެހެން ތަންތަނަށް ބަދަލުކުރުމަކީ ވަޅުލާފައިވާ މީހުންގެ ހުރުމަތް ކެނޑޭ ކަމެއް ކަމަށެވެ. އެގޮތުން ގަބުރެއްގެ މަތީގައި އިށީނުމުގެ ނުބައިކަން ބަޔާންކުރައްވައި ރަސޫލާ ހަދީސްކުރެއްވި ބަސްފުޅަކުން އެކަމުގެ މައްޗަށް ފަތުވާގައި ދަލީލު ދައްކާފައިވެއެވެ. އެއަށްފަހު މުސްލިމެއްގެ ގަބުރުމަތީ ހިނގުމާމެދު އިންޒާރުކުރައްވާ ހަދީސް ބަސްފުޅަކާއި، ގަބުރުގައި ލެނގިގެން ނުއިނުމަށް އަމުރުކުރެއްވި ބަސްފުޅެއްވެސް ދަލީލުގެ ގޮތުގައި އެ ފަތުވާގައި ގެނެސްފައިވެއެވެ.

އެ ދަލީލުތަކުގެ އަލީގައި ފަތުވާ މަޖިލީހުން ބުނެފައިވަނީ ގަބުރުތަކުގެ ހުރުމަތް ކެނޑުމަކީ އިސްލާމީ ޝަަރީއަތުގައި ގިނަ ވައީދުގެ ބަސްފުޅުތައް އައިސްފައިވާ ކަމަކަށްވާތީ، ކުޅިވަރުކުޅޭ ތަންތަނާއި، ހިތްފަސޭހަ މައިޒާންތައް ފަދަ ތަންތަން ހެެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވައިލުން ނުވަތަ ނެގުން ހުއްދަނުވާނެ ކަމަށެވެ.

މި ފަތުވާ ނެރެފައިވާއިރު  މާފަންނު ސަހަރާ މި ފަހުން ހުސްކުރުމަށް ފަހު އެ ތަނުގައި ޕާކިން ޒޯނެއްގެ އިތުރުން، ބާސްކެޓު ކޯޓެއް ވެސް ތަރައްގީކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. އަދި، ގަލޮޅު ސަހަރާގެ ބައެއް ހުސްކޮށްގެން ވެސް ގިނަ ބަދަލުތަކެއް އެބަ ގެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު